އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ސިނާއަތްތައް ވެސް މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު ކުއާޓާލީ ބިޒްނަސް ސާވޭގައި ބުނެފައި ވަނީ އެކި ސިނާއަތްތައް ކުރިއެރި ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދޭން ފެށުމުން ކަމަށެވެ. އަދި ހަމައެއާއެކު ސިނާއަތްތައް ކުރިއެރުމުގައި 15 ޖުލައި ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ފެށުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި އެ ސާވޭ އަމާޒުކޮށްފައިވާ ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުތައް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ އިތުރަށް ދަށްވެފަ އެވެ. ނަމަވެސް، މުވައްޒަފުންގެ އަދަދު މަދުވަމުންދާ މިންވަރު މި ކުއާޓަރުގައި މަޑު ޖެހިފައިވާކަން ފާހަގަކޮށްލެވޭ ކަމަށް ބުނެފައިވެ އެވެ.
" މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުމާއެކު، ވިޔަފާރިތަކުގެ ހަރަކާތްތަކާއި އާމްދަނީ އިތުރުވެ، ޚަރަދު ކުޑަކުރުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުން ހިމެނޭ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ހަތަރުވަނަ ކުއާޓަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް އިތުރުވާ "ޕީކް ސީޒަން"ގެ ފެށުން ކަމަށް ވުމާއި، ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކަށް ލުއިތައް ދެމުން ދިއުމާއެކު، މި އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި، ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އެ ސިނާއަތްތައް ކުރިއަރާނެ ކަމަށެވެ..
"މި ދަނޑިވަޅަކީ، ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ރާއްޖޭގެ އިގްތިސާދީ ހާލަތައް ވެގެންދާނެ ގޮތް ލަފާކުރަން ދަތި ދަނޑިވަޅެއްގަމުގައި ވީނަމަވެސް، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ އާމްދަނީ، ދެވަނަ ކުއާޓަރާ އަޅާބަލާއިރު، އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުގެ ބުކިންގްސް ނުވަތަ ރިޒަވޭޝަންތައް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވުމާއި، އެހެން ސިނާއަތްތަކުގެ އޯޑަރުތަކާއި އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވާނެ ކަމަށް ލަފާކޮށްފައިވުމެވެ." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަން، އިމާރާތްކުރުމާއި ހޯލްސޭލް އަދި ރީޓެއިލްގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ބަލާއިރު، އެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތައް ދަށްވެފައި ވީނަމަވެސް، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
"މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ އަގުތައް ފިޔަވައި އެހެން ސިނާއަތްތަކުގެ އަގުތައް މަތިވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ." އެމްއެމްއޭ އިން ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުން ބުނީ ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި، އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރަށް ހީނަރުވެފައިވާ ކަމަށެވެ. އެގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު މި ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މަޑުޖެހިފައިވާ ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކަށް، ހާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކަށް، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި، ސާވޭގައި ބައިވެރިވި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުން ވެސް ލަފާކޮށްފައި ވަނީ ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.