މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ޖަލުގައި ރޭ މަރުވެއްޖެ އެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ، މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ބަންދުގައި ބަހައްޓާފައިވާ މީހާ މަރުވެފައިވަނީ ރޭ 7:30 ހާއިރު ކަމަށެވެ.

މަރުވެފައި ވަނީ މ. މަލަސް، އިސްމާއިލް ޝަބީން 46، ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ނޭވާލުމަށް އުނދަގޫތަކެއް ވުމާއި ގުޅިގެން ރޭ ހަތެއް ޖަހާއިރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި އޭނާގެ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން އައިސީޔޫއިން ވެސް ފަރުވާދިން ކަމަށާއި، ޝަބީން މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން، ގެންގުޅެ އަދި ވިއްކިކަމުގެ ދައުވާ ޝަބީންއަށް ކޮށްފައިވާއިރު، މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ.

ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ވަނީ އެކަން އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

އޭގެ އިތުރުން މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.