މަޝްހޫރު ހިންދީ ފިލްމީ ތަރި؛ ސަންޖޭ ދަތު ކެންސަރު ބައްޔަށް ހޯދި ފަރުވާ ނިމި ބަލިން މުޅިން ރަގަޅުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ. މި އުފާވެރި ހަބަރު ހިއްސާކޮށްފައިވަނީ އޭނާގެ އެއްމާބަޑު ދެކުދިން ކަމަށްވާ ޝަހްރާން އާއި އިގްރާގެ 10 ވަނަ އުފަން ދުވަހާ ގުޅިގެން ޓުވިޓާގައި ކުރި ހާއްސަ ޕޯސްޓެއްގަ އެވެ.

ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ތަރި އެބަލިން ސަލާމަތްވުމުގައި އެހީތެރިވި އެންމެންނަށް ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ. އަދި ވަކިން ހާއްސަކޮށް އާއިލާގެ މެމްބަރުންނާއި އެކުވެރިން އަދި އޭނާގެ ސަޕޯޓަރުން މެދުކެޑުމެއް ނެތި ދިން ހިތްވަރު ދުވަހަކު ވެސް ހަދާން ނުނެތޭނެ ކަމުގައި އޭނާ ބުނެފައި ވެ އެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ހަފްތާތަކަކީ ދަތި އުނދަގޫ ހަފްތާތަކެއް ކަމަށް ފާހަގަ ކުރަމުން، މިދުވަސްތަކުގައި އޭނާގެ ފަރުވާގެ ކަންކަމުގައި ހަރަކާތްތެރިވި ކޮކީލާބޭން ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ކޮށްދިން މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރުގެ ލިސްޓުގައި ހިމަނައިފަ އެވެ.

ސަންޖޭ ދަތު އެންމެ ފަހުން ފެނިފައިވަނީ އާލިޔާ ބަޓް، އަދިތްޔާ ރޯއީ ކަޕޫރް، ޖިޝޫ ސެންގުޕްތާ އާއި ޕޫޖާ ބަޓް އާއި އެކު މަހޭޝް ބަޓްގެ ސަދަކް 2 އިން އެވެ. މި ފިލްމަކީ 1991ގައި ރިލީސް ކުރި މަހޭޝް ބަޓްގެ ކާމިޔާބު ޑައިރެކްޝަން؛ ސަދަކް 1ގެ ދެވަނަބަ އެވެ.

އޭނާގެ ކުރިޔަށް އޮތް މަސައްކަތަކީ ނޮވެމްބަރު މަހުގައި ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާ ކޭ.ޖީ.އެފް؛ ޗެޕްޓާ ދެ އެވެ. މިއީ ކަންނާޑާ ފިލްމަކަށް ސަންޖޭ ދަތު ސޮއިކުރި ފުރަތަމަ ފަހަރެވެ.