ބޮލީވުޑްގައި ކާމިޔާބުތަކެއް ހޯދަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރްޔަން އާއި ކްރިތީ ސަނަން އެކުގައި ފެނިގެންދާ ފިލްމު "ޝެހެޒާދާ"ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.
މިއީ މި ދެ ފަންނާނު "ލުކާ ޗުއްޕީ"އަށް ފަހު އެކީގައި ފެންނަ ފުރަތަމަ ފެންނަ ފިލްމެވެ.
"ޝެހެޒާދާ"ގެ ޝޫޓިން މުބާއީގައި ފަށާފައިވާއިރު މި ފިލްމުގެ ޝޫޓިންނަށް ބޮޑު ސެޓެއް ވަނީ ތައްޔާރުކޮށްފަ އެވެ.
އެކްޝަން ކޮމެޑީ ފިލްމުގައި ކާތިކާއި ކްރިތީގެ އިތުރުން ޕަރޭޝް ރަވާލްއާއި މަނީޝާ ކޮއިރާލާވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ބޮލީވުޑް ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދޮށީ ދަރިފުޅު ރޯހިތު ދަވަން ޑައިރެކްޓްކުރާ މި ފިލްމަކީ ތެލުގޫ ފިލްމު "އާލާ ވައިކުންތަޕުރަމުލޫ" ގެ އޮފިޝަލް ހިންދީ ރީމޭކެވެ.
ރޯހިތު އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ ކޮއްކޮ ވަރުން ދަވަން އާއި ޖޯން އަބްރަހަމް އާއި ޖެކްލިން ފެނާންޑޭޒް ލީޑް ކުޅުނު 2016ގެ ފިލްމު "ދިޝޫމް" އެވެ.
ކާތިކް ބޮލީވުޑަށް ނުކުތީ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ކަމަށް ވިޔަސް އޭނާ އަށް ކުއްލި ބޮޑު މަޝްހޫރުކަމެއް ލިބުނީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.
ކާތިކް ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އަންނަ އަހަރުގެ މާޗު މަހު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން ކާތިކްގެ އެއްކޮށް މަސައްކަތް ނިމިފައިވާ ނެޓްފްލިކްސްގެ ފިލްމު "ދަމާކާ" އާއި އެކްތާ ކަޕޫރްގެ "ފްރެޑީ" އެވެ. އޭގެ ހަންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" އަކީވެސް އޭނާގެ ކުރިއަށް ހުރި އަދި ޝޫޓިން ނުފަށާ ފިލްމުތަކެވެ.
އެންމެ ފަހުން ކްރިތީ ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "މިމީ" އެވެ.
ޓައިގާ ޝްރޮފާއެކު 2014 ގައި "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް 31 އަހަރުގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ވަރުން ދަވަންގެ "ބޭޅިޔާ" އާއި ރާޖްކުމާރު ރާއޯގެ "ހަމް ދޯ ހަމާރޭ ދޯ" އާއި ޕްރަބާސްގެ "އާދިޕުރުޝް" އަދި ޓައިގާގެ "ގަނަޕަތު" ހިމެނެ އެވެ.