އަދްނު (10 އޮކްޓޯބަރު) - ޔަމަނުގެ ރަށެއް ކަމަށްވާ އަދަނުގެ ގަވަރުނަރު އަހުމަދު ލަމްލާސް އަވަހާރަ ކޮށްލުމަށް ދިން ކާރު ބޮމުގެ ހަމަލާއެއް ނާކާމިޔާބު ވެއްޖެ އެވެ.

މޮޓޯކޭޑުގައި ދަތުރު ކުރަމުން ދަނިކޮށް ދިން މި ހަމަލާގައި ލަމްލާސް ސަލާމަތްވި ނަމަވެސް މޮޓޯކޭޑުގައި ހިމެނުނު އަސްކަރީ ސިފައިންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މި ހަމަލާ ދެވުނު އިރު ލަމްލާސްގެ އިތުރުން އެގައުމުގެ އެގްރިކަލްޗާ މިނިސްޓަރު ސަލީމް އަލް ސޮކޮތްރީ ވެސް އެ މޮޓޯކޭޑްގައި އިންނެވި ނަމަވެސް އޭނާ ވެސް ވަނީ މާ ބޮޑު އަނިޔާއަކާ ނުލާ ސަލާމަތްވެފަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ޔަމަނުގެ ސަދާން ޓްރާންސިޝަނަލް ކައުންސިލްގެ މެމްބަރުންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ހޫނުވެ 2020 ވަނަ އަހަރުގެ ތެރޭގައި އެގައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގައި އެ ކައުންސިލުން ވެރިކަން ކުރަން ފެށުމާއެކު އެގައުމުގެ މަޝްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ.

ޔަމަނުގެ ބޮޑުވަޒީރު މައީން އަބްދުލް މާލިކު ސައީދު ވަނީ ލަމްލާސްއާއި ސަލީމްއަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ތަހުގީގީ އިދާރާތަކަށް އަމުރު ނެރެފަ އެވެ. -- އަލް އަރަބިއްޔާ