ފާއިތުވި ހަ ދުވަހު އެންމެ ގިނަ ބަޔަކު ފަރުވާ ހޯދީ ނަފްސާނީ ބައްޔަށް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ހޮސްޕިޓަލުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަ ދުވަސްތެރޭގައި އެންމެ ގިނައިން އެ ހޮސްޕިޓަލުން ފަރުވާހޯދާފައި ވަނީ ނަފްސާނީ ބައްޔަށާއި ކަށީގެ ބަލިތަކަށެވެ.

އެގޮތުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލަށް ފާއިތުވި ހަ ދުވަސް ތެރޭގައި 309 މީހަކު ދިޔަ އެވެ. އަދި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 300 މީހަކު ދިޔަ އެވެ.

މީގެ އިތުރުން ވެސް މޫތުގުރުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދަން 291 މީހަކާއި، އަންހެނުންގެ ހާއްސަ ބަލިތަކަށް 269 މީހަކު ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން ދާއިރު، މުޅި ދުނިޔޭގައި ވެސް އެންމެ ބާރު ދުވެއްޔެއްގައި ފާއިތުވި އަހަރުތަކުގައި އާންމުވެފައިވާ ބައްޔަކީ ނަފްސާނީ ބަލިމަޑުކަމެވެ. މި ބަލި ރާއްޖޭގައި އާންމުވަމުންދާއިރު، މިއީ ފަރުވާ ހޯދުން މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ވެސް ދެކެ އެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަ ކުލިނިކްތަކުން ފޯރުކޮށްދޭ ނަފުސާނީ ބަލިތަކުގެ ފަރުވާ، އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެ ގޮތް ވެސް ހަމަޖައްސައިދެއްވާފަ އެވެ.