ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު ދުބާއީގައި ފެށި ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގަތުމަށްފަހު އެވެ. އަދި ދުބާއީ އިން ރައީސް ނަޝީދު ވަޑައިގެންފައިވަނީ ރާއްޖެއަށެވެ.

މިއަދު މެންދުރުފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް ނަޝީދު ބޯޓުން ފައިބައިވަޑައިގަތުމާއެކުގައި ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބައްދާލައްވަ އެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، ދެ ރައީސުންގެ ދެމެދުގައި ޒާތީ މައްސަލަތަކެއް އުފެދިފައިވާ ކަމަށް އެކިފަހަރުމަތިން އެޕާޓީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ ނަމަވެސް، މިއަދު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއި އެކު ދެބޭފުޅުންގެ ކިބައިން ނުރުހުންތެރިކަން ފާޅުވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެކުވެރިކަމާއި، ދެބޭފުޅުންގެ ގާތްކަން ގިނަ ބަޔަކަށް ވަނީ ފާހަގަވެފަ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު ވީއައިޕީގައި މަޑުކޮށްލައްވައި ދެ ބޭފުޅުން ވާހަކަދައްކަވަން ވެސް ތިއްބެވި އެވެ.

ރައީސް ނަޝީދު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރެއް ކަމަށް ހަބަރު ލިބެ އެވެ. އަދި މި ދަތުރުފުޅު ނިންމެވުމަށްފަހުގައި ރައީސް ނަޝީދު އަނެއްކާ ވެސް އެނބުރި ވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދު ރާއްޖެއަށް 3 ދުވަހަށް ކުރައްވާ ދަތުރުފުޅާއިިި ގުޅިގެން ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެއާޕޯޓުގައިވެސް ގިނަ އަދަދެއްގެ ސެކިއުރިޓީން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެމަނިކުފާނު ހުންނަވާ ހޮޓެލް ޖެންއަށް ވަޑައިގެންނެވިއިރު ކާރުކޮޅުގެ ދެ އަރިމަތިން ސެކިއުރިޓީ ގާޑުން ދުވެފައިދެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ އާއި ގުޅިގެން އިނގިރޭސި ވިލާތަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން އެދި ސިޓީ އެއްވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އެމަނިކުފާނަށް ދިން ހަމަލާ ފަންޑު ކުރި މީހުން ނުހޯދެނީސް ރާއްޖެ އައުމަށް ފަސްޖެހިވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފަ އެވެ.