މާލޭގެ ބޮޑު ބަޔަކުން މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑުމާ ގުޅިގެން ޓީވީއެމްގެ ބެކަޕް ބެޓެރިތަކެއް ހަލާކުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު "ހުރިހާ"އަށް ވިދާޅުވީ ޓީވީއެމްގައި ބެކަޕްގެ ގޮތުގައި ބޭނުންކުރާ ބެޓެރިތަކެއް ހަލާކުވީ ކުއްލިއަކަށް ދެ ފަހަރު ކަރަންޓު ކެނޑުމާ ގުޅިގެން ކަމަށެވެ.

ޕީއެސްއެމް ނިއުސް ވެބްސައިޓްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް މާލެއިން ކަރަންޓް ކެނޑިއްޖެ ނަމަ ޕީއެސްއެމްގެ ޚިދުމަތް މެދުކެނޑުނަ ނުދިނުމަށް ވަކި ވަގުތެއް ވަންދެން ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ހިދުމަތް ދީފައިވާނެ ކަމަށެވެ.

"މިކަން މި ދިމާވީ ކުއްލިއަކަށް ކަރަންޓު ދިއުމުން. އެހެންވުމުން އަޅުގަނޑުމެންނަށް ވެސް އެ ނިއްވާލާކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުގެ ސަރަހައްދުން ކަރަންޓު ކަނޑާލާނަމަ ސްޓެލްކޯއިން ދުރާލާ އަންގާނެ ކަމަށެވެ. ނަމަވެސް މިއަދު އެކަން ކުއްލިއަކަށް ދިމާވުމުން އެގޮތަށް އެންގޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ އޮން އެއާ ސިސްޓަމްތައް އެހެރީ އެއްވެސް ބެކަޕެއް ނެތި ސީދާ ކަރަންޓަށް ގުޅާފައި. ދެން ކަރަންޓު ގޮސްފި ނަމަ އެތަކެއްޗަށް ވެސް ގެއްލުންވާނެ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް ބެކަޕް ބެޓެރި ސިސްޓަމެއް ހޯދުމަކީ ވެސް މިދަނޑިވަޅުގައި އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

ޕީއެސްއެމް އިން ބުނީ މިއަދު މާލެއިން ކަރަންޓު ކެނޑުނު ވަގުތުތަކުގައި ޕީއެސްއެމްގެ ހުރިހާ ޗެނަލްއެއްގެ ޓްރާންސްމިޝަންތައް ވެސް ހުއްޓުމަކަށް އައި ކަމަށެވެ. އަދި ކަރަންޓު ކެނޑުމާ ގުޅިގެން ކުންފުނީގެ ޗެނަލްތަކުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ބައެއް މުހިންމު އިކުއިޕްމަންޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

"ޚާއްސަކޮށް ބެކްއަޕްގެ ގޮތުގައި ބޭނުންކުރާ ގިނަ އިކުއިޕްމަޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެ ކުންފުނިން ފާހަގަކުރަން،" ޕީއެސްއެމް އިން ބުނެފައިވެ އެވެ.

މާލޭގެ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓް ދިޔައީ ހެނދުނު 8:10 ހާއިރު އެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނީ މެންދުރު 13:10 ހާއިރު އެވެ.