މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަޑައިނުގެންނެވުނީ މަސައްކަތްހުރި ގޮތުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އާއްމުކޮށް ރައީސް ސޯލިހު ޝަރަފުވެރިކޮށްދެއްވާ އެ އެވޯޑު ހަފުލާއަށް އެ މަނިކުފާނު ރޭ ވަޑައިނުގެންނެވި އެވެ. އަދި ރައީސް ވަޑައިގަންނަވާތީ އެމްއެމްސީން އެކަމަށް ތައްޔާރުވި އެވެ. ނަމަވެސް ރައީސް ސޯލިހު ވަޑައިނުގެންނެވުމުން އެ އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ އެވޯޑު ހަފުލާއަށް ރައީސް ސޯލިހު ވަޑައިގަންނަވަން ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް މަސައްކަތް ހުރި ގޮތުން އެ އެވޯޑު ހަފުލާއަށް ރޭ އެމަނިކުފާނަށް ވަޑައިނުގެންނެވުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެ އެވޯޑު ހަފުލާއަށް ވަޑައިގަތުމަށް. ނަމަވެސް މަސައްކަތް ހުރިގޮތުން ވަޑައިނުގެންނެވޭތީ އެކަން އެންގެވި،" މަބްރޫކް ވިދާޅުވި އެވެ. "ރައީސް އަކީ ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއް."

ރައީސް ސޯލިހަށް އެ އެވޯޑު ހަފުލާގައި ރޭ ބައިވެރިވެވެން ނެތިގެން އެ އެވޯޑު ހަފުލާ ފަސްކޮށްދޭން ރައީސް އޮފީހުން އެދުނެވެ. އަދި އެކަން މަބުރޫކް ވެސް ޔަގީންކޮށްދެއްވި އެވެ. އަދި ރައީސް އޮފީހުން އެގޮތަށް އެދުމުން ވެސް އެމްއެމްސީން އެވޯޑު ހަފުލާ ފަސްކޮށްދޭން އެއްބަހެއް ނުވި ކަމަށް އެނގިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ނޫސްވެރިކަމުގެ އެވޯޑު ދިނުން ފަސްކޮށްދޭން ރައީސް އޮފީހުން އެދުނުއިރު، މިފަހަރުގެ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ވަނީ މައްސަލައެއް ހުށައަޅާފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި މި ސިޓީގައި 15 މީޑިއާއެއްގައި މަސައްކަތް ކުރާ 80 އާ ގާތްކުރާ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށްފައިވެ އެވެ.

ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް ވެސް މި ސިޓީގައި ވަނީ ބުނެފަ އެވެ. އަދި ބައެއް މީޑިއާތަކުން މިމައްސަލަ ސިވިލް ކޯޓަށް ވެސް ހުށައެޅި އެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ދެ ފަރާތުން ވާހަކަދައްކައިގެން ވެސް މައްސަލައަށް ހައްލެއް ގެނެވޭ ގޮތެއް ނުވި އެވެ. އަދި މައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި ގާޒީ ވަޒީ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް އިއްޔެ ކަނޑައަޅާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.