ދައުލަތަށް ލިބޭ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ އިތުރުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމުގެ މަގުސަދުގައި މެއި 6 ވަނަ ދުވަހު ނިލޯފަރު ހިނގުމުގައި ދިން ހަމަލާއަށް ފަހުގައި އެމަނިކުފާނު ވަނީ ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ފަސް މަސް ފަހުން ރާއްޖެ ވަޑައިގެން ރިޔާސަތުގައި އިންނަވައި މިއަދު ވާހަކަފުޅު ދައްކަވާފަ އެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބަޖެޓްގެ މަސައްކަތައް ކުރަމުންދާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅު ތަކާއެކު ރާއްޖޭގެ އިޤްތިޞާދު އަލުން ކުރިއަރައި ބާރު ދުވެއްޔެއްގައި އިއާދަވަމުންދާ މިންވަރު އިތުރުވުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވައްޓާލި ކޮވިޑުގެ ރާޅުތަކާއި އެކުގައި އެކި ގޮތްގޮތުން އިގްތިޞާދީ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހިފައިވާ ހާލަތުގައި ރާއްޖެ އޮތުމަށް ފަހުގައި، އަލުން ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން ކުރިޔެކޭވެސް އެއްވަރަށް ފެށިގެން ކުރިއަރައިގެން ގޮސްފައިވާކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުވުމަށް ކޮށެމުން ދިޔަ މަގުކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގިނަ ދުވަސްތަކަކަށް ފަހުގައި ރައީސް ނަޝީދު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރެއް ކަމަށް ހަބަރު ލިބެ އެވެ. އަދި މި ދަތުރުފުޅު ނިންމެވުމަށްފަހުގައި ރައީސް ނަޝީދު އަނެއްކާ ވެސް އެނބުރި ވަޑައިގަންނަވާނެ އެވެ.