ދިމިޝްގު (14 އޮކްޓޯބަރު) - އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގެ ފަސް މީހަކު މަރުވެއްޖެ ކަމަށް އިނގިރޭސިވިލާތުގައި ހުންނަ އެ ގައުމުގެ ވާ މޮނީޓާ ބުނެފި އެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ބުނީ ހޯމްސް ޕްރޮވިންސްގެ ޕަލްމީރާ އަވަށުގައި ދިން މި ހަމަލާގައި ޝަހީދު ވެފައިވަނީ ސީރިއާ ސިފައިންގެ މީހަކާއި އީރާނަށް ވާގިވެރިވާ ތިން މުޖާހިދުން ކަމަށެވެ. އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެ މީޑިއާއިން ބުނެ އެވެ.
"ގަޑިން ގާތްގަނޑަކަށް 23:34 ހާއިރު އިޒްރޭލުން ވަނީ ޕަލްމީރާ ސަރަހައްދުގައި ހުރި ކޮމިއުނިކޭޝަން ޓަވަރަކާއި އެނޫންވެސް ކައިރީގައި ހުރި މުހިއްމު ތަންތަނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވާލާފައި،" ސީރިއާގެ އަސްކަރީ މަސްދަރަކާ ހަވާލާދީ ސަނާއިން ބުނެފައިވެ އެވެ.
އިނގިރޭސި ވިިލާތުގައި ހުންނަ ސީރިއާގެ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އެ ހަމަލާ އަމާޒު ކޮށްފައިވަނީ ސީރިއާގައި ހުރި އީރާނުގެ ތަންތަނަށް ކަމަށްވާއިރު ހަމަލާގައި މަރުވި އެންމެންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ބުނަން އަދި ނޭނގޭ ކަމަށެވެ.
މިދިޔަ ހަފްތާގައި ވެސް އިޒްރޭލުގެ މިފަދަ ހަމަލާއެއް ސީރިއާއަށް އަމާޒުވި އިރު އެހަމަލާގައި ދެ މުޖާހިދުން މަރުވެ އިތުރު ހަ މީހަކު ޒަހަމް ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
2011 ވަނަ އަހަރު ފެށުނު ސީރިއާގެ ދާޚިލީ ހަނގުރާމައަށް ފަހު އިޒްރޭލުން އަންނަނީ ދޭތެރެ ދޭތެރެއިން އެގައުމަށް މިފަދަ ވައިގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ ސީރިއާ ސަރުކާރާއި ސީރިއާގައި ހުންނަ އީރާން އަދި ލުބްނާންގެ ހިޒްބުﷲ އަށެވެ.
އާއްމު ގޮތެއްގައި މިފަދަ ހަމަލާތަކުގެ ޒިންމާ އިޒުރޭލުން ނަގާފައި ވާއިރު އެގައުމުން ބުނަނީ އީރާނަށް ވާގިވެރިވާ ވަރުގަދަ ގައުމަކަށް ވުމަށް ސީރިއާއަށް ފުރުސަތު ނުދޭނެ ކަމަށެވެ. – އަލް އަރަބިއްޔާ