ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑް ވަމުން އަންނަ ”ހައު އިޓް ސްޓާޓަޑް އެންޑް ހައު އިޓްސް ގޮއިންގް ޗެލެންޖު"ގައި ޕްރިޔަންކާ ޗޯޕްރާ ބައިވެރިވެ، ވަރަށް ތަފާތު ގޮތަކަށް ނަތީޖާ ދައްކައިފި އެވެ. މިޗެލެންޖަކީ އެ މީހަކު މަސައްކަތް ކުރާ ދާއިރާއަކުން މަސައްކަތް ފެށުނު ގޮތާއި މިހާރު ކުރިޔަށްދާ ގޮތުގެ ތަފާތު އެނގޭ ގޮތަށް އެކުއެކީގައި ކޮލާޖްކޮށްފައިވާ ފޮޓޯއެއް ދައްކުވައިދޭ ޗެލެންޖެ ކެވެ.
ޕްރިޔަންކާ ޗޯޕްރާ މިޗެލެންޖު ފުރިހަމަކޮށްފައިވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ ހެދުމެއް ލައިގެންނެވެ. ކޮލާޖުކޮށްފައިވާ ފުރަތަމަ ފޮޓޯގައި ނިކް ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި އިރު ދެވަނަ ފޮޓޯގައި ޕްރިޔަންކާ ފެންނަނީ ހަމަ އެހެދުން ލައިގެން ހުއްޓަ އެވެ. މިފޮޓޯ ލަމުން ޕްރިޔަންކާ ވަނީ ނިކްގެ ހެދުންލުމަށް ލޯބިކުރާ ކަމަށް ބުނެ ފޮޓޯގައި އެ މެސެޖު ހިމަނާފަ އެވެ.
މިވަގުތު ޖަރުމަނުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ޕްރިޔަަންކާގެ މަސައްކަތްތަކާ ބެހޭގޮތުން އޭނާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ. އެގޮތުން ޕްރިޔަންކާގެ ހަޔާތުގެ މައްޗައް އޭނާ ލިޔެފައިވާ ވާހަކަ "އަންފިނިޝްޑް"ގެ ބޭރު ގަޑު އިންސްޓަގްރާމުގައި ދައްކާލަމުން ބުނެފައިވަނީ އޭގައި އޭނާގެ ހަޔާތުން އަދި ހާމަކޮށްފައި ނުވާ ވަރަށް ގިނަ ވާހަކަ ހިމަނާފައި ވާނެ ކަމަށެވެ. އެގޮތުން އޭނާއަށް ލިބިފަ ހުރި ކާމިޔާބީތަކާއި ހަމަޔަށް ވާސިލުވުމުގެ ފަހަތުގައިވާ ހަގީގީ ތަކުލީފުތައް ހާމަކޮށްފައި ވާނެކަމަަށް އޭނާ ބުނެ އެވެ. މިފޮތް ބާޒާރަށް ނުކުތުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނަވަރީ މަސް ތެރޭގަ އެވެ.
ޕްރިޔަންކާ ޗޯޕްރާ އަކީ މިހާުރު ހޮލީވުޑްގައި ވެސް ފިޔަޖަހަމުން އަންނަ ތަރިއެކެވެ. އެގޮތުން އޭނާ އެންމެ އަވަހަށް ފެނިގެންދާނެ ކަމަށް ލަފާކުރެވެނީ ކިއާނު ރީވްސް އާއި އެކު މެޓްރިކްސް 4 އިންނެވެ.