އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފި އެވެ.

މަހުމޫދުގެ ޖަނާޒާގެ ކަންތައްތައް މިއަދުގެ އަސުރު ނަމާދަށް ފަހު އެރަށުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އޭނާގެ މޫނު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވި އެވެ.

އަދި ކަށުނަމާދުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި މަހުމޫދު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު 2:30 ހާއިރު އެވެ.

މަހުމޫދުގެ ހަށިގަނޑު މާލެ ގެނެސް ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ޓެސްޓުތަކެއް ހަދާފަ އެވެ. މ މަހުމޫދުގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބެލުމަށް ދަނގެއްޗަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ރޭ ވަނީ އެރަށަށް ގޮސްފަ އެވެ.

މި މައްސަލައިގަ ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ ރަށު މީހުން ތުހުމަތު ކުރާ ތިން މީހަކު ވަނީ ދަނގެތީ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފަ އެވެ.

މަހުމޫދު މަރާލައިފާ ވަނީ އަނިޔާތަކެއް ދިނުމަށްފަހު އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށާއި އެގޮތުން ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

މަހުމޫދަކީ އެ ރަށުގައި ކާޑުގެ ވިޔަފާރި އާއި ހޮޓަލެއް ހިންގާ ވިޔަފާރިވެރި އެކެވެ. އެ ރަށު މީހުން ތުހުމަތު ކުރާގޮތުގައި މަހުމޫދު މަރާލީ ފައިސާގެ މައްސަލައެއްގަ އެވެ.