ކަނޑުމަތީގައި އިއްޔެ ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ކ. އޮޅުވެލި ރިސޯޓު ކައިރީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، ނާހިދާ، 33 ގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ނާހިދާގެ ހަށިގަނޑު މާލެ ގެނައުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަން ފާހަގަކޮށްފައިވާއިރު، އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.

މާލެއިން ވ. ފުލިދޫއަށް ކުރި ދަތުރުގައި، އެ ލޯންޗަށް ޖެހި ރާޅަކާއެކު ކަނޑަށް ފުރަތަމަ ވިއްސައިގެން ދިޔައީ ނާހިދާއާއި އޭނާގެ ހަގު ދަރިފުޅެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު ނާހިދާގެ އުމުރުން ހަތަރު އަހަރުގެ ކުޑަ ދަރިފުޅު އަދިވެސް ނުފެނެ އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދާ ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން ކުރަމުން ގެންދާކަމަށާއި، އެކަމަށްޓަކައި ރޭގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ނިޔާވި ނާހިދާ ކަނޑުން ފެނުމާއެކު ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ފަރުވާކުރުމަށް ގެންދިޔަ އެވެ. ނަމަވެސް އޭނާ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށްވެ އެވެ.

ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ކަނޑު ދަތުރުކުރުމުގައި ކޮންމެހެން ބޭނުންވާ ދަތުރުތައް ފިޔަވައި ދަތުރު ނުކުރުމަށާއި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވާ ދުވަސްވަރު، މިފަދަ ހާދިސާތައް ދިމާވުން އާންމުކަމަކަށް ވާއިރު، ފަރުދީ ޒިންމާ އިސްކޮށް، ދަތުރުތައް ކުރުމުގައި އަމިއްލަ ރައްކާތެރިކަމަށާއި، އާންމުންގެ ރައްކާތެރިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.