މައްކާ (17 އޮކްޓޯބަރު) - ސައޫދީ އަރަބިއާގެ ކޮވިޑް ހާލަތު ރަނގަޅުވުމާއެކު ހަރަމްފުޅަށް ވަންނަން ހުއްދަ އޮތް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވަދެވޭ ގޮތަށް ހަރަމްފުޅު އާއްމުންނަށް ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާފައިވާއިރު މަސްޖިދުލް ހަރަމްގައި މިއަދު ވަނީ ކޮވިޑް ޕެންޑަމިކް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ކޮނޑާ ކޮނޑު ޖައްސައި ނަމާދުކޮށްފަ އެވެ.

މިއީ ދެ މިލިއަން މީހުންނަށް އެއްފަހަރާ ބޭނުން ކުރެވޭ މައްކާގެ ހަރަމްފުޅު ފުލް ކެޕޭސިޓީގައި ހުޅުވުމަށް ސައޫދީ އަރަބިއާގެ އިންޓީރިއާ މިނިސްޓްރީއިން ދިން ހުއްދައާއެކު ނިންމި ނިންމުމެކެވެ. އެގޮތުން ހަރަމްފުޅު ތެރޭގައި އެއްވެ އުޅުން ހުއްދަކޮށް މާސްކް އެޅުން މަޖުބޫރުވެފައި އޮތް އޮތުމަށް ވެސް ވަނީ ލުއިތަކެއް ގެނެސްފަ އެވެ.

ހާމައަށް ވައި ދައުރުވާ ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކޮށްފައިވާއިރު ބަންދު ބޮޑު ތަންތަނުގައި އަދިވެސް މާސްކު އަޅަން ޖެހޭނެ ކަމަށް އާ އުސޫލުގައި ބުނެފައިވެ އެވެ.

ހަމައެއާއެކު ދެޑޯޒު ވެކްސިން ޖަހާފައިވާ މީހުންނަށް ހިދުމަތް ދިނުމަށްޓަކައި ހަރަމްފުޅުގެ ކައިރިން ރެސްޓޯރެންޓްތަކާއި ދަތުރުފަތުރުގެ ހިދުމަތް ދެވޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ.

މި ލުއިތަކާއެކު ވެކްސިން ފުރިހަމަ ކޮށްފައިވާ މުސްލިމުންނަށް އުމްރާ ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް އުމްރާ ވިސާގެ ކަންކަން ފަސޭހަވެގެން ދާނެ އެވެ.

ކޮވިޑް ފެށުނު ފަހުން ހޭދަވި މި ދެ އަހަރު ވެސް ހައްޖު ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި ސައޫދީ އަރަބިއާގައި ދިރިއުޅޭ މުސްލިމުންނަށް ހުޅުވާލައިގެންނެވެ. މި އަހަރުގެ ހައްޖުގައި ބައިވެރިވެފައި ވަނީ 60،000 މުސްލިމުންނެވެ. – އަލް އަރަބިއްޔާ