ކަލާޒް ޓީވީއިން ދައްކަވަމުން އަންނަ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި މާރާމާރީ ހިންގުމުގެ ފުރުސަތު ދޭތީ ޓީވީ ތަރި ހިނާ ހާން "ބިގް ބޮސް" އުފައްދާ ފަރާތްތައް ފާޑުކިޔައިފި އެވެ.

ކުރީގެ ސީޒަންތަކާ ހިލާފަށް މިފަހަރުގެ ސީޒަން ކުރިއަށް ގެންދަނީ "ޖަންގަލީ" ތީމަށެވެ. "ބިގް ބޮސް" ރަސްމީ ގެއަށް ވަނުމުގެ ކުރިން "ޖަންގަލީ" ގެ ތެރެއިން އެކި ކަހަލަ ހުރަސްތަކާއި ބައިވެރިނާއި ކުރިމަތިލާ ޖެހެ އެވެ.

އެހެން ސީޒަންތަކާ ހިލާފަށް "ބިގް ބޮސް 15" ގެ ފުރަތަމަ ހަފްތާގައި ވެސް އެއް ބައިވެރިޔަކު އަނެއް ބައިވެރިއެއްގެ ގަޔަށް އަތްލުމާއި ތަޅާފޮޅުން ވަނީ ފެނިގެން ގޮސްފަ އެވެ. މިފަދަ އަމަލުތަކަށް އެއްވެސް އަދަބެއް މިފަހަރުގެ ސީޒަންގައި "ބިގް ބޮސް" ބައިވެރިންނަށް ދޭތަން ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

https://www.instagram.com/p/CVKttotF6OU/

އެގޮތުން ޓީވީ އެކްޓަރު އަދި "ބިގް ބޮސް 11"ގެ ބައިވެރިއެއް ކަމަށްވާ ހިނާ ޚާން ބުނެފައިވަނީ ކޮންމެ ހަފުތާއަކު ހޯމައިން ހުކުރަށް ކަލާޒް ޓީވީއިން މި ދައްކަނީ ރެސްލިން ކަމަށެވެ. ކުރިން "ބިގް ބޮސް" ގޭތެރޭގައި އެކަކަށް އަނެކަކު ގައިގައި އެފަދަ ގޮތަކަށް އިނގިލި ކުރި ޖައްސާލުން ވެސް މަނާއިރު، މިހާރު އެކަން ގަވާއިދުން ފޮހެލީތޯ ހިނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"ބިގް ބޮސް"ގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ގަވާއިދަކީ އެކަކު އަނެކަކު ގައިގައި ގޯސް ގޮތަކަށް އަތްނުލުން ކަމަށްވާއިރު، މިހާރު އެ ގަވާއިދު އޮންނަހެން ހީނުވާ ކަމަށް ވެސް ހިނާ ބުނެފައިވެ އެވެ.

ހިނާގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއީދުކޮށް ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ކުރީގެ ސީޒަންތަކުގައި ވެސް ތަޅާފޮޅުންތައް ހިނގާ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެމީހުންނަށް އަދަބު ދޭ ކަމަށެވެ. ނަމަވެސް މި ސީޒަންގައި އަދަބު ނުދޭތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ގިނަ ބަޔަކު ވާހަކަ ދައްކާފައިވެ އެވެ.

"ބިގް ބޮސް 15" ހަ މަހަށް ކުރިއަށް ގެންދިޔުމަށް މިޝޯ އުފައްދާ ފަރާތުން ނިންމާފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު ހަމަނުޖެހުމާއި ތަޅާފޮޅުން ޝޯގެ ތެރެއިން ފެނިގެންދާނެ އެވެ.

"ބިގް ބޮސް 14"ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ޓީވީގެ މަޝްހޫރު ބަތަލާ ރުބީނާ ދިލައިކް އެވެ.