ގަސް ހެއްދުމަކީ ވަރަށް ގިނަ މީހުން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. ހާއްސަކޮށް މި ޕެންޑަމިކް ތެރޭގައި ލިބޭ ހުސް ވަގުތުގައި ގަސް ހައްދަން ފެށި މީހުން އިންތިހާއަށް ގިނަ އެވެ.

ގަސްހެއްދުމަކީ އެކަމުގައި ގިނަ އުކުޅުތަކެއް ގެންގުޅެން ޖެހޭ ކަމެކެވެ. ނުބައިކޮށް ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް އެތައް ދުވަހެއްގެ މަސައްކަތް ބޭކާރުވެގެން ހިނގައިދާނެ ފަދަ މަސައްކަތެކެވެ. ތިރީގައި މި ބަލާލަނީ ގަސް ހެއްދުމުގައި އަހަރުމެންނަށް އާއްމުކޮށް ހެދޭ ބައެއް ގޯސްތަކަށެވެ.

މާ ގިނައިން ފެން ދިނުން

ގަސްތަކުގެ މޫތަކަށް ފެން ބޭނުންވާހެން ވައި ވެސް ބޭނުން ވާނެ އެވެ. ނަމަވެސް މާގިނައިން ގަހަށް ފެންދޭ ނަމަ މޫތަކަށް ވައި ލިބޭ އެއާ ޕޮކެޓްތައް ފުރި، ވައި ލިބުން ބަންދުވެ އެވެ. ނަތީޖާއަކަށް ވަނީ ގަހަށް ބޭނުންވާ މާއްދާތައް ނުލިބި އަވަހަށް މަރުވުމެވެ.

ގަސްތަކަށް ބޭނުންވާ ޖާގަ ނުލިބުން

އަހަރުމެންގެ ދިރިއުޅުން ހުންނަ ގޮތުން ގިނަ ބަޔަކު ގަސް ހައްދަނީ ގޭގެ ބެލްކަނިތަކުގަ އެވެ. ކައިރި ކައިރީގައި ގިނަ ގަސްތަކެއް ބަހައްޓަން ޖެހި ކޮންމެ ގަހަކަށް ވެސް ހެދިބޮޑުވާން ބޭނުންވާ ޖާގަ ނުލިބޭނަމަ ގަސްތަކުގެ ވަރު ދެރަވެ، މޯޅިވުން އަވަސްވެ އެވެ.

ބޭސް ދިނުމުގައި ނުބައި ދުވަސްތައް ޚިޔާރު ކުރުން

ގަސްތަކުގައި ސޫފާސޫފި އަޅައި ހަލާކުވެފައި ހުންނަ ތަންތަނަށް ބޭސް ޖަހަން ވާނީ މޫސުން ރަނގަޅު، މަޑު ދުވަހެއްގަ އެވެ. ވައިގަދަ އަދި ވިއްސާރަ ދުވަހެއްގައި ބޭސް ޖަހައިފިނަމަ ވަޔާއި ވިއްސާރައާއެކު ގަހުގެ އެކި ތަންތަނަށް ބޭހުގެ އަސަރުކޮށް ރަނގަޅަށް ހުންނަ ހިސާބުތައް ވެސް ހަލާކުވާ ގޮތްވެ އެވެ.