އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިޔާލު ތަފާތުވެފައިވާ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަޖެޓާ ގުޅުންހުރި މަޝްވަރާތައް އެމްޑީޕީގެ ބައެއް މެމްބަރުންނާ ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމެއްގެ ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން 2022 ވަނަ އަހަރުގެ ބަޖެޓާ ގުޅުންހުރި ވާހަކަތައް މި ބައްދަލުވުމުގައި ދައްކަވާފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި ރައީސް މުހައްމަދު ނަޝީދާއެކު ބަރުލަމާނީ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ފަދަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް މުހިންމު ޕްރޮގްރާމް އެންޑް ސިސްޓަމް އިންފޮމޭޝަން ޕްރޮޓޮކޯލްއާ ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ. އޭގެ އިތުރުން އަންނަން އޮތް އަހަރުގައި ބަޖެޓުގެ ރެވެނިއުއާއި ދައުލަތުން ކުރުމަށް ހަމަޖެހިފައިވާ ހަރަދުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ އާމްދަނީން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ބަޖެޓުން ކުރައްވަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭއިރު، ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.