ޝަހީދު ލެގަސީ އޭ ބުނެފި ނަމަ މިއީ މިހާރު އިތުރު ތައާރަފަކަށް ބޭނުންވާނެ ނަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މިއީ ރާއްޖޭގައި ރޮކް މެޓަލް ބާވަތުގެ ލަވަތަކަށް ލޯބިކުރައްވާ ފަރާތްތަކުގެ ފެވަރިޓް ލިސްޓުގެ އެއްވަނާގައި ގުނާލެވޭ ފަންނާނެކެވެ.
މިފަންނާނުގެ އެންމެ ހާއްސަ އެއް ސިފައަކީ އޭނާއާއި ސަޕޯޓަރުންނާއި ދެމެދު އޮންނަ އެކުވެރި ގުޅުމެވެ. މިގުޅުމުގެ ގާތް މިންވަރަކީ ސަޕޯޓަރުންގެ އެދުމުގެ މަތިން ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިޔާއަށް ޝަހީދު ދޫކުރަމުން އަންނަ ކުދި ކުދި ހަދިޔާ ތަކެވެ. 2018 ވަނަ އަހަރުން ފެށިގެން ޝަހީދު އަންނަނީ ސަޕޯޓަރުންނަށް ކަމުދާ ލަވަތަކުގެ ރޮކް މެޓަލް ވާޝަންސް ތައްޔާރު ކޮށްދީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އެ ލަވަތައް ޕޯސްޓު ކުރަމުންނެވެ.
އެގޮތުން އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ އަހަރެމެން އެންމެންގެ ތެރޭގައި ވެސް މަގުބޫލު ވެގެންދިޔަ ހިންދީ ކޮޕީ ރާގުގެ މަޖާ ލަވަ، "ޗައްޕޫ ޗިއްޕޫ ޗުއްޕޫ" ގެ ރޮކް މެޓަލް ކަވާ އެވެ. އާންމުންގެ ނުހަނު ބޮޑު ތަރުހީބެއް މި ލަވައަށް ލިބޭއިރު މިލަވަ ޚިޔާރުކުރި ސަބަބު އޮޅުންފިލުވާލުމަށް "ހުރިހާ"އިން ގުޅާލުމުން ޝަހީދު ބުނީ؛ ކުރީގެ ލަވަތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ ހޮވުމަކީ ވެސް ސަޕޯޓަރެއްގެ ރިކުއެސްޓެއް ކަމަށެވެ.
މީގެ ކުރިން މިގޮތަށް ރޮކް މެޓަލްކޮށް ޝަހީދު ރީކްރިއޭޓް ކޮށްފައިވާ ލަވަތަކުގެ ތެރޭގައި ދިވެހި ލަވަ އާއި މަޝްހޫރު އެހެން މިޔުޒިކް ހިމެނެ އެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު މިފަދަ ލަވަތަކުގެ ތެރޭގައި ދިރުމާ މަރާ ގުޅާލާ އާއި ދިރިއުޅުމަކީ މިއީބާގެ ކަވާ އަދި ސޮނީ ހާޑްވެއާގެ އައިކޮނިކް ލަވައިގެ މިފަހުން ނެރު ރޮކް ވާޝަން ޝަހީދު ފާހަގަ ކުރި އެވެ.
މީގެ އިތުރުން ވެސް ޝަހީދު ވަނީ ސަޕޯޓަރުންގެ އެދުމުގެ މަތިން ގިނަ އަދަދެއްގެ އިންސްޓުމެންޓަލް ކަވާސްތަކެއް ވެސް ގެނެސްދީފަ އެވެ. ކޮންމެ އަލްބަމެއްގައި 8 ލަވަ ހިމެނޭ ގޮތަަށް މިފަދަ 2 އަލްބަމް ރިލީސްކޮށްފައި ވާއިރު، ފެހި ފެހި އާޒާދީ އާއި އޯ ވަޒަން، ކަލާޔާ ނުލާ ފަދަ އިންސްޓްރުމެންޓަލް ކަވާސްއަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބި ސޯޝަލް ޕްލެޓްފޯމުތަކުގައި ގިނަ ގުނަ ރިއެކްޝަންސް އާއި ވިއުސް ލިބިފަ އެވެ.
ޝަހީދު އަމިއްލައަށް ކޮމްޕޯޒްކޮށްގެން ނެރޭ މިލަވަތަކަށް ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އޭނާ ވަނީ ފޭންބޭސް އަށް ޝުކުރު އަދާކޮށްފަ އެވެ.
ޝަހީދު ބުނި ގޮތުގައި މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ފަސް ވަނަ ސޯލޯ އަލްބަމުގެ މަސައްކަތުގަ އެވެ. އެގޮތުން އަންނަ އަހަރު ތެރޭގައި މިމަސައްކަތް ސަޕޯޓަރުންނާއި ހަމަޔަށް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބުންޏެވެ.
މިޔުޒިކީ ފަންނާނެއްގެ ގޮތުން އަބަދުވެސް ވަރަށް ހަރަކާތްތެރިކޮށް ފެންނަ ޝަހީދު ލެގަސީއަކީ އޭނާ ހާއްސަވެފައިވާ ބާވަތުގެ މިޔުޒިކް، ރޮކް މެޓަލް އަށް ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ ލޯބި އިތުރުކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ފަންނާނެކެވެ. އެހެންކަމުން މިމަސައްކަތުގައި އިތުރު ކާމިޔާބީއަށް ހުރިހާ ޓީމުގެ ފަރާތުން ޝަހީދު އަށް އެދެމެވެ.