މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި ގުޅިގެން އިތުރު ދެ މީހަކަށް ދައުވާކޮށްފި އެެވެ.

މިގޮތުން މި މައްސަލައާއި ގުޅިގެން ދަޢުވާ ކޮށްފައިވަނީ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަށާއި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހައިތަނަށް ދައުވާކޮށްފައި ވަނީ އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް އަށާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އަށާއި، ވ. ތިނަދޫ، ލަކީ، އަދުހަމް އަހުމަދުގެ އިތުރުން މ. ކުދެހިގެ، އިސްހާގު އަށާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު އަދި މއ. ފޭރުގެ، މުޖާޒް އަހުމަދު އާއި، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

މި މައްސަލައިގައި ބޮން ގޮއްވާލި ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާ އަދުހަމް ރަޝީދު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

މި ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސެއްގެ އިތުރުން، އިނގިރޭސިވިލާތުގެ މީހަކަށް ވެސް އަނިޔާވެފައިވެ އެވެ.