އެންމެންވެސް ރީތި އޮމާން ހަންގަނޑެއް ބޭނުންވެ އެވެ. އެހެން ނަމަވެސް އެންމެ ކުޑަމިނުން ރޭގަނޑު ނިދަމުން މޫނު ދޮވުން ވެސް އޮންނަނީ އަހަރެމެންނަށް ބޮޑު ކަމަކަށް ވެފަ އެވެ. އެހެން ނަމަވެސް ހީވާގިނުވެ މިކަން ކުރެވޭކަށް ނެތެވެ. މި ހިއްސާ ކޮށްލަނީ މޫނު އޮމާންކުރުމަށް ގޭގައި ކުރެވިދާނެ ކަންތައް، ކުރަންވީ ތަރުތީބުންނެވެ.

ޑަބަލް ކްލެންސިން

ކޮންމެ ބިއުޓީ ރޫޓީންއެއްގައި ވެސް ކްލެންސް ނުވަތަ މޫނު ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންމެ ފުރަތަމަ އޮއިލް ބޭސްޑް ޕްރޮޑަކްޓެއް ބޭނުންކޮށްގެން މޫނުގައި ހުންނަ މޭކްއަޕް އާއި ސަންސްކްރީން ފަދަ ތަކެތި ފޮހެލާށެވެ. އެއަށްފަހު ކްލެންސިން އޮއިލްއެއް މޫނުގައި އުނގުޅުމަށް ފަހު ތާފަނާ ފެނުން ދޮވެލުމަށްފަހު ތުވާއްޔަކުން ހިއްކާށެވެ.

އެއަށް ފަހު ވޯޓާ-ބޭސްޑް ކްލެންސާ އެއް ބޭނުންކޮށްގެން މޫނު ދޮވެލާށެވެ.

އެކްސްފޮލިއޭޓާ

އެކްސްފޮލިއޭޓް ކުރުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ހަފްތާ އަކު ދޭއް ނުވަތަ ތިން ފަހަރު ކޮށްލީމާ ރަނގަޅުވާނެ އެވެ. އެކްސްފޮލިއޭޓް ކުރުމުން މޫނުގައި ހުންނަ ޑެޑް ސެލްތަައް ސާފުވެ މޫނު އޮމާންވާނެ އެވެ.

ކްލެންސިން މާސްކު

ކްލެންސިން މާސްކަކީ މޫނުގައި ހުންނަ ވަޅު ވަޅުގައި ހުންނަ ނަޖިސް ފިލުވައި ދިނުމަށް އެހީވާ އެއްޗެކެވެ. މިއީ ވެސް ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހަފްތާއަކު މަދުވެގެން ދެ ފަހަރު ބޭނުންކޮށްލަން ވާނެ އެވެ.

އެކްޓިވޭޓޭޑް ކާބަން އިން ފެށިގެން ގޮސް އެންމެ އާދައިގެ މާސްކާއި ހަމައަށް ތަފާތު އެކި ވައްތަރުގެ ކްލޭއިން އުފައްދާފައި ހުންނަ ޕިއުރިފައިން މާސްކު ހުރެ އެވެ. އެމީހެއްގެ މޫނާއި ގުޅޭ މާސްކެއް ބޭނުންކުރުން އެދެވިގެންވެ އެވެ.

ޓޯނާ

މިއީ ކޮންމެހެން ބިއުޓީ ރޫޓީން ގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މީގެ ސަބަބުން މޫނުގެ ހަންގަނޑަށް ލިބޭ ފައިދާ ގިނަ އެވެ. ޓޯނާގެ ސަބަބުން މޫނުގައި ހުންނަ ވަޅު ވަޅުތަކުގެ ސައިޒް ކުޑަވެ، މޫނުގެ ޕީއެޗް ލެވެލް ބެލެންސް ކުރުމަށް އެހީވެދެ އެވެ. ޓޯނާ އުނގުޅަން ވާނީ ހެނދުނާއި ރޭގަނޑު ކަފަ ކޮޅެއް ބޭނުންކޮށްގެންނެވެ.

ހައިޑްރޭޓިން ޝީޓް މާސްކު

ހައިޑްރޭޓީން ޝީޓް މާސްކަކީ ވެސް ކޮންމެ ދުވަހު ބޭނުންކުރަން ޖެހޭ އެއްޗެއް ނޫނެވެ. ހަފްތާއަކު ދެ ފަހަރު ބޭނުން ކުރުމުން ރަނގަޅު ވާނެ އެވެ. ހައިޑްރޭޓިން ފޭސް މާސްކުގެ ގޮތުގައި އެމީހަކު ބޭނުން ވައްތަރެއްގެ މާސްކެއް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ޖެލް، ޝީޓް އަދި ލޯޝަން މާސްކު ވެސް ބޭނުން ކުރެވިދާނެ އެވެ.

ސިރަމް

ސިރަމް އަކީ ގިނަ ފަހަރު ވަކި ކަހަލަ ހަމުގެ މައްސަލައަކަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. އެހެން ކަމުން ސިރަމްއެއް ބޭނުންކުރާ އިރު، އެ ބޭނުންކުރަނީ ކޮން ކަހަލަ ހަމުގެ މައްސަލައަކަށް ކަން އަމިއްލަ އަށް ދެނެގަންނަން ޖެހޭނެ އެވެ.

ސިރަމް އުނގުޅާނީ ހެނދުނާއި ރޭގަނޑު، ކޮންމެ އިރަކު ވެސް ދޭއް ނުވަތަ ތިން ތިކި ވަރެވެ.

އައި ކްރީމް

ލޯ ކައިރި އަކި އެންމެ ބޮޑަށް ފަރުވާ ބޭނުންވާ އެއްތަނެވެ. ސަބަބަކީ އެންމެ އަވަހަށް ރޫ ޖެހޭނީ ވެސް ލޯ ކައިރީގައި ކަމަށް ވުމުންނެވެ. ރަނގަޅު އައި ކްރީމެއް ބޭނުންކޮށްފި ނަމަ ލޯކައިރި ކަޅުވުން ފަދަ މައްސަލަތަކުން ދުރުވާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު މި ކްރީމް އުނގުޅަން ވާނެ އެވެ.

މޮއިސްޗަރައިޒާ

މޮއިސްޗާ ކުރުމަކީ ބިއުޓީ ރޫޓީންގެ އެންމެ މުހިއްމު ކަންތައް

މިއީ ރަނގަޅު ސްކިންކެއާ ރޫޓީން އެއްގެ އެންމެ މުހިއްމު އަދި ނުުކޮށް ދޫކޮށްލައިގެން ނުވާނެ ސްޓެޕެކެވެ. މޮއިސްޗަރައިޒާއެއް ގަންނަ އިރު އެމީހެއްގެ މޫނާއި ގުޅޭ ކްރީމެއް ގަތުމަށް ސަމާލުކަން ދޭންވާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު މޫނު މޮއިސްޗަރައިޒް ކޮށްލަންވާނެ އެވެ.

ސަންސްކްރީން

ސަންސްކްރީން އަކީ ދިވެހި ރާއްޖެ ކަހަލަ ހޫނު ގައުމެއްގައި އުޅޭ އިރު ވަކިން ބޮޑަށް މުހިއްމު އެއްޗެއް

ތިދަނީ ބީޗަށް ކަމަށްވިޔަސް، ރަށު ތެރެއަށް ކަމަށްވިޔަސް އަދި ވާރޭ ވެހުނު ކަމަށް ވިޔަސް ސަންސްކްރީން އުނގުޅާށެވެ. ރަނގަޅު ސަންސްކްރީން އަކުން މޫނުގައި ހުންނަ ރޫތައް ފޮރުވައިދީ މޫނުގައި ހުންނަ ލަކުނުތައް ފޮރުވައިދެ އެވެ. އަދި މިއީ ގެއިން ނުކުތުމުގެ ކުރިން މޮއިސްޗާ ކުރާ ގޮތަށް ލާ ކްރީމެކެވެ.

ކޮންމެ ދެ ގަޑިއިރަކުން ސަންސްކްރީން ލުމަކީ މުހިއްމު ކަމެކެވެ.

މީގެ އިތުރުންވެސް މޫނު އޮމާން ކުރުމަށް ކުރެވިދާނެ ތަފާތު އެކި ކަންތައް ހުރެ އެވެ. އެގޮތުން ކިޔުންތެރިންނަށް ކަމުދާ ޕްރޮޑަކްޓްތަކާއި ރޫޓީންތައް ކޮމެންޓްބައިގައި ހިއްސާކޮށްލާށެވެ. -ބްރައިޓް ސައިޑް