ހުޅުމާލޭގައި އަންހެނަކަށް އަނިޔާ ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ ރޭގެ ވަގުތެއްގައި އަންހެނަކު ރަހީނުކޮށް އެކުއްޖާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް މީސްމީޑިޔާގައި ފެންމަތިވެފައި ވަނިކޮށެވެ. އެހެން ނަމަވެސް އަންހެނަކު ރަހީނުކުރި ކަމަކަށް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ފުލުހުން ބުނީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ މެންދަމު 1:30 ކަންހާއިރު ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ބުނެފައިވާއިރު، މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާނެކަމަށެވެ.