ބަލި މީހާ ގެންދާނެ ވެހިކަލެއް ނުލިބުމުން، ހދ. މަކުނުދޫގައި އުމުރުން ދުވަސްވީ މީހަކު ވީލް ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންގޮސްފި އެވެ.

އުމުރުން ދުވަސްވީ މީހާގެ ހާލު ދެރަވުމާ ގުޅިގެން ހެލްތު ސެންޓަރަށް އޭނާ ގެންދާނެ ވެހިކަލެއް ނުލިބިގެން ބަރޯއެއްގައި އޭނާ ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުން ފެންނަނީ ބަރޯއަކަށް ލައިގެން އެ މީހާ މަރުކަޒަށް ގެންދިޔައީ އޭނާގެ ދަރިފުޅެވެ.

މިކަމާ ގުޅޭގޮތުން ރަށުގެ ރައްޔިތުން ބުނަނީ އުމުރުން ދުވަސްވީ މީހާ ބަރޯގައި ގެންދިޔައީ އެރަށު ހެލްތު ސެންޓަރުގައި އެންބިއުލާންސެއްގެ ހިދުމަތް ނެތިގެން ކަމަށެވެ. އަދި އެންބިއުލާންސްގެ ހިދުމަތް ނުލިބެނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި، އެކަމުގެ އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އެރަށު މީހުން ބުނެ އެވެ.

މިފަދަ މައްސަލަތައް އަތޮޅުތެރޭގައި އާންމުވެފައިވާއިރު، އެމްބިއުލާންސް ނެތިގެން މީގެ ކުރިން ވެސް ޕިކަޕްތަކުގަ އާއި އެހެނިހެން ގޮތްގޮތުން ބަލި މީހުން އުފުލަން ޖެހިފައިވެ އެވެ. އަދި ރަށްރަށުގެ ކައުންސިލުން އެމްބިއުލާންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ހުށަހެޅި ނަމަވެސް އެކަން ނުވެ ގިނަ އަހަރުތަކެއް ހޭދަވެފައިވެ އެވެ.

މި މައްސަލައަށް އަންނަ އަހަރު ހައްލެއް ގެނެސްދޭނެކަމަށް ބުނާއިރު، ސަރުކާރުން ދަނީ އަތޮޅުތެރޭގެ ހުރިހައި ރަށްތަކަށް އެމްބިއުލާންސް ގެނައުމަށް ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.