ފުވައްމުލަކުގައި އޭނާ މަޝްހޫރުވެފައި ވަނީ ކުޅަދާނަ މާލިމީއެއް ގޮތުގަ އެވެ. 1950ގެ އަހަރުތަކުގައި އޭނާ ވަނީ ރިޔާ ނެގި އޮޑިފަހަރުގައި ފުވައްމުލަކުން ހުވަދު އަތޮޅަށް އަދި ސްރީލަންކާގެ ކޮލަމްބޯއަށް އެތައް ދަތުރެއްކޮށްފަ އެވެ.
އޭގެ ފަހުން ޒަމާން ބަދަލުވެ ނުވަދިހައިގެ މެދުތެރޭގައި "އައިލެންޑާ"ގެ ނަމުގައި ބޯޓެއް ބަނދެގެން އަމިއްލަ މާލިމީކަމުގައި ފުވައްމުލަކާއި މާލެއާ ދެމެދު އެތައް އަހަރެއް ވަންދެން ދަތުރުކުރި އެވެ. މިހާރު އުމުރުން 83 އަހަރުގެ މުހައްމަދު ތައުފީގު އަހުމަދު (ބެއްޔަގެ ބެއްޔަގެ ތައުފީގު)އަކީ ހަމައެކަނި މާލިމީއެއް ނޫނެވެ. އެއީ ދެކުނުގެ ބަޣާވާތުގެ ދުވަސްވަރު ޔުނައިޓެޑް ސުވަދީބުގެ ފަރާތުން ފުވައްމުލައް ހިންގުމަށް ކަނޑައެޅި ކޮމިޓީގެ އެއް މެމްބަރެވެ. ސުވަދީބު ސަރުކާރުން މިރަށުގައި ނަގާފައި ހުރި ރަސްމީ ދިދަ ފޮރުވައި އެ ސަރުކާރު ފުރޮޅާލުމުގައި ތައުފީގުގެ ދައުރު ވަރަށް ބޮޑެވެ. މި ވާހަކަތަކީ މިހާތަނަށް މިރަށުގެ މާގިނަ ބަޔަކަށް އެނގިފައި އޮތް ކަމެއް ވެސް ނޫނެވެ.
ސުވަދީބު ސަރުކާރުގެ ދިދަ ފޮރުވުން
މަޑުމައިތިރި މިޒާޖެއް ހުންނަ ތައުފީގަކީ ސުވަދީބު ސަރުކާރުގެ ދުވަސްވަރު މާ ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ހަރަކާތްތަކުގައި އުޅުނު މީހެއް ނޫނެވެ. އަދި އެ ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮތް ނަމަވެސް އެ ސަރުކާރަކަށް އޭނާ ތާއީދެއް ނުކުރެ އެވެ. އެކަން އެނގެނީ އޭރު ފުވައްމުލަކުގެ ސިޔާސީ ހަރަކާތްތަކުގައި އުޅުނު މަދު މީހަކަށެވެ.
"އެއް ދުވަހު މަދަރުސާގެ ސައީދު (ކުރިން އަތޮޅުވެރިކަން ކުރެއްވި ރަންދުވަރު މުހައްމަދު ސައީދު) އަހަރެން ގާތު ބުނެފި ތައުފީގުއޭ ގައްދޫ އަލިކަލޭގެ ފާނު ބުނެފިއޭ މިތަނުގައި ހުރި ސުވަދީބު ސަރުކާރުގެ ދިދަ އެބަ ޖެހެޔޭ ފޮރުވަން. ތިމަންނަމެންނަށް އެކަމެއް ނުވިއޭ. އެހެން ބުނުމުން އަހަރެން ބުނެފިން ކީއްވެގެން ހޭ އަހަރެން ކައިރީ ނުބުނީ،" އެ ދިދަ ފޮރުވި ގޮތް ތަފުސީލްކޮށް ކިޔައިދެމުން ތައުފީގު ބުންޏެވެ.
އަޑިއަޑިން ދިވެހި ސަރުކާރަށް ތާއީދުކުރި ތައުފީގަކީ އޭރު އޮތް ސުވަދީބު ސަރުކާރުގެ ފުވައްމުލައް ހިންގަން ނެގި ކޮމިޓީގެ އެއް މެމްބަރެވެ. ތައުފީގު އޮފީސް ހިންގުމުގައި ހަރަކާތްތެރިވުމުގެ އިތުރުން ދަންވަރު ރަށު އޮފީހުގެ ސަރުދާރު ޑިއުޓީ އަދާކުރޭތޯ ވެސް ބައެއް ރޭ ރޭ ބަލަ އެވެ. އެހެންވުމުން އަތޮޅު ގޭގައި ބާއްވާފައި އޮންނަ ސުވަދީބު ސަރުކާރުގެ ދިދަ ފޮރުވުމަކީ ތައުފީގަށް މާއުނދަގޫ ކަމަކަށް ނުވި އެވެ. އަދި ސައީދުގެ އެދިވަޑައިގަތުމުގެ މަތިން ދިދަ ނަގައިގެން ފޮރުވާނެ ޕްލޭނެއް ތައުފީގު ރޭވި އެވެ.
"އަހަރެން ސައީދު ކައިރީ ބުނިން ދިދަ ގެއްލޭ ރެއަކު ދެ މީހުން އެއްކޮށް އުޅޭ ތަން ފެނިގެން ނުވާނޭ. އެހެން ފެނިއްޖެ ނަމަ ޝައްކުކުރާނީ އަހަރެމެން ދެ މީހުންނަށޭ. އެހެންވުމުން އެކަން ކުރާނީ އަހަރެން އެކަންޏޭ،" އޭނާ ބުންޏެވެ.
ސުވަދީބު ސަރުކާރުން ފުވައްމުލަކު އަތޮޅުގެ ހުރި ތަނުގައި ނަގާފައިވާ ބޮޑު ދިދި ފޮރުވި ރޭ ވެސް އަތޮޅުގެ ކައިރީގައި ހުންނަ ގުދަނުގައި ބައެއް މީހުން އަނދަގޮނޑީގައި ތިއްބެވެ. އަދި އޭގެ އިތުރުން އަތޮޅުގެ ބަލަހައްޓަން އަބަދުވެސް ސަރުދާރެއް ވެސް ހުއްޓެވެ. އަދި ތައުފީގުގެ މަސްއޫލިއްޔަތުގެ ތެރޭގައި ރޭގަނޑު ދަންވަރު ޑިއުޓީ ސަރުދާރުން އަދާކުރޭތޯ ބެލުން ވެސް ހިމެނެ އެވެ.
"އަހަރެން ދިދަ ފޮރުވި ރޭ ދިޔައީ މެންދަމު އަތޮޅުގެއަށް. އަހަރެން ދިޔައިރު ސަރުދާރު އޮތީ ނިދާފައި. ގޮސް ބެލިއިރު ޑިއުޓީގައި ހުރި މީހާ އޮތީ ދިގު ގޮނޑިއެއްގައި ނިދާފައި. އަހަރެން ވަދެ ގޮވުމުން އޭނާއަށް ހޭލެވުމުން ބުނެފިން މިތަނަށް ބަޔަކު އާދޭތޯ ރަނގަޅަށް ކަލޭ ބަލާށޭ. މިހެން ބުނެފައި އަހަރެން އޭނާ ގޮވައިގެން ނުކުމެގެން ދިޔައީ އަތޮޅުގެ ގޯތިރޭގައި ހުންނަ ކުރުނދުމާގެއަށް. އޭރު ދިދަ އޮތީ އަތޮޅުގޭގެ ފެންޑާގައި ހުރި މޭޒެއްގެ މަތީ ބާއްވާފައި،" ތައުފީގު ބުންޏެވެ.
ކުރުނދުމާގެ އަކީ އަތޮޅުގޭގެ ގޯތި ތެރޭގައި ދުރުގައި ވަކިން ހުންނަ ގެއެކެވެ. އެ ގެއަކީ އޭރު ކުށްވެރިން ބަލަހައްޓަން ޖަލެއްގެ ގޮތުގައި ވެސް ބޭނުންކުރި ތަނެކެވެ. އެހެންކަމުން ދަންވަރު ޑިއުޓީގައި ހުންނަ ސަރުދާރު ކުރުނދުމާގޭގައި ހިނގާ ކަންތައްތައް ވެސް ބަލަހައްޓަން ޖެހެ އެވެ.
ކުރުނދުމާގެ ތެރޭގައި އުޅުމަށްފަހު ސަރުދާރަށް އޮވާލާފައި ނުކުމެން ދިޔައިރު ތައުފީގު ދިޔައީ އަތޮޅުގޭގެ މޭޒުމަތީގައި ބާއްވާފައި އޮތް ދިދަ ހިފައިގެންނެވެ. އަދި ތައުފީގު ނުކުމެން ދިޔައިރު ދިދަ ހިފައިގެން ދިޔަ ކަމެއް ސަރުދާރަކަށް ރޭކާ ވެސް ނުލި އެވެ. އެ ދިދައަކީ އަތޮޅުގޭގައި ނަގަން އޮންނަ ސުވަދީބު ސަރުކާރުގެ ހަމައެކަނި ދިދަ އެވެ.
"ޖެހިގެން އައި ދުވަހު ދިދަ ވަގަށް ނެގި މައްސަލަ ބޮޑުވެގެން އެ ވާހަކަ ރަށު ތެރޭގައި ދެކެވެން ފެށި. ނަމަވެސް އަހަރެން ދެނެހުރި ކަމަކަށް ވެސް ނުހަދަން. އަދި ދިދަ ހޯދަން މުޅި ރަށުގައި އަތްފުނާ އަޅަން ފެށި. ޝައްކުވާހެން ހީވާ ހުރިހާ ގެއެއް ބަލައި ފާސްކުރި. ނަމަވެސް އަހަރެންނާ ދޭތެރޭ އެއްވެސް މީހަކު ޝައްކެތް ނުކުރޭ،" އޭނާ ބުންޏެވެ.
ދިދަ ހޯދުމުގެ އޮޕަރޭޝަނެއް ފެށުމުގެ ކުރިން ތައުފީގު ހިމެނޭހެން އަތޮޅުގޭގައި ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ދިދަ ހޯދުމުގެ ގޮތުން ފަންޑިތަ ހަދަން ވެސް ނިންމި އެވެ. ނަމަވެސް އެކަމަކާ އޭނާ ޖެހިލުމެއް ނުވެ އެވެ. އެ ބައްދަލުވުމަށްފަހު ކޮމިޓީން ނުކުމެ، މިރަށު ހުސްނުހީނާގެ އާއި ބަހާރުގެ އާއި އޮޅޮގިނައިގެ ފަދަ މާލޭ ސަރުކާރަށް ތާއީދުކުރާ އިސްވެރިންގެ ގެތައް ފާސްކުރި އެވެ. ނަމަވެސް އެ މަސައްކަތުން ވެސް އެ ދިދައެއް ނުފެނުނެވެ.
ތައުފީގު އެ ދިދަ ހިފައިގެން ގޮސް ފޮރުވީ ފުނާޑު އަވަށު ކަނދުވަލި ފަންނާއި ހާނޖިއެޅެއާ ދެމެދު އަތިރިމަތީގައި ވަޅެއް ކޮނެފަ އެވެ. އަދި ފަހުން އެ ދިދަ ހޯދަން އުޅެއުޅެ އޭނާއަށް ވެސް ނުފެނުނެވެ.
މާލިމީކަމުގައި 400 އަށް ވުރެ ގިނަ ދަތުރުކުރި
ސުވަދީބު ސަރުކާރުގެ ދުވަސްވަރު ވެސް ތައުފީގަކީ ކުޅަދާނަ މާލިމީއެކެވެ. އޭނާގެ މާލިމީކަމުގައި އޮޑިފަހަރުގައި ފުވައްމުލަކާއި ހުވަދޫ އަދި ކޮލަމްބޯއާ ދެމެދު އެތައް ދަތުރުކުރި އެވެ. އެ ޒަމާނުގައި މިދުވަސްވަރު ބޭނުންކުރާ ޖީޕީއެސް އާއި ރާޑަރު ފަދަ އެއްވެސް ވަސީލަތެއް ނުހުރެ އެވެ.
ތައުފީގު މާލިމީކަން ދަސްކުރި ދުވަސްވަރު ބޭނުންކުރީ ކަރުދާހާއި ފަންސުރު އަދި ސަމުގާ އެވެ. ދަތުރުކުރާއިރު މިސްރާބު ހޯދަނީ ސެކްސްޓަންޓް (ފިލާ) އިން ހިސާބު ޖަހައިގެންނެވެ. މިއީ އެ ޒަމާނުގައި ހިސާބު އިލްމަށް ވަރަށް ކުޅަދާނަވެގެން ނޫނީ ނުކުރެވޭނެ ކަމެކެވެ.
އުމުރުން 16 އަހަރުގައި މާލިމީކަން ކުރަން ފެށި ތައުފީގު 400 އަށް ވުރެ ގިނަ ދަތުރު ފުވައްމުލަކާއި ހުވަދޫ، ކޮލަމްބޯ އަދި މާލެއަށް ކުރިއިރު ދުވަހަކު ދަތުރުކުރި އުޅަނދެއް މިސްރާބު އޮޅިގެން ބެހިފައި ނެތްކަން އޭނާ ފަޚުރުވެރިކަމާއެކު ފާހަގަކުރެ އެވެ. އެއީ އެހާ ވެސް ކުޅަދާނަ މާލިމީއެކެވެ.
"އަހަރެން މެދުކެނޑުމެއް ނެތި ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ދަތުރުކުރިއިރު ދުވަހަކު ވެސް ބެހިގެން އެހެން ތަނަކަށް ނުދަން. އަދި މި ރަށުން ބެހިގެން ދަތުރުކުރި ވަރަށް ގިނަ މީހުންނަށް ރަށުގައި ހުރެގެން މިސްރާބު ކިޔައިދީގެން ސަލާމަތްކޮށްދީފައި ހުންނާނެ،" އޭނާ ބުންޏެވެ.
ތައުފީގު ކޮލަމްބޯއަށް އެ ޒަމާނުގައި ދަތުރުކުރީ އޮޑި ފަހަރުގައި ރިޔާ ނަގައިގެންނެވެ. އަދި ފަހުން އިންޖީނު އަޅައިގެން ބޯޓު ފަހަރު ދުއްވަން ފަށައި، ޒަމާން ބަދަލުވެ ޖީޕީއެސް ފަދަ ޒަމާނީ އާލާތްތައް ބޭނުންކުރި އިރު ވެސް ދުވަހަކު އޭނާ ދުއްވި ބޯޓެއް ފަރަކަށް ވެސް އަރާފައެއް ނުވެ އެވެ. މާލެއިން ދެކުނުގެ ހުރިހާ އަތޮޅެއްގެ އެތެރެވަރީގެ ހާހަލާއި ފަރުތައް ވެސް ތައުފީގު ހިތުދަހެވެ.
"ކަނޑުމަތީގައި އެހާ ގިނަ ދުވަހު އުޅުނުއިރު ލައްކަ ގިނަ ތަޖުރިބާކުރެވިފައި ހުންނާނެ. ރިޔާ ނެގި އޮޑީގައި ދަތުރުކުރި އިރު ކޮޅުނބަށް އެބަހުރި މަސް ދުވަހުން ވެސް ދެވިފައި އެއީ ވައި މަޑުވުމުން. އަދި އޭގެ ފަހުން ވެސް މި ރަށުގެ އެކި އޮޑި ދޯނި ބެހިގެން ދަތުރުކުރަނިކޮށް މިސްރާބު ކިޔައިދީގެން ސަލާމަތުން އެނބުރި ރަށަށް ގެނެސްދީފައި ހުންނާނެ،" އޭނާ ބުންޏެވެ.
ތައުފީގު ދަތުރުކުރިއިރު ބޭނުންކުރި ބައެއް ސާމާނު އަދިވެސް ރައްކާކޮށްގެން ގެންގުޅެ އެވެ. އޭރު ގެންގުޅުނު ފިލާ އާއި ބައެއް ފޮތްތައް ވެސް "ހުރިހާ"ގެ ނޫސްވެރިންނަށް ދައްކާލި އެވެ. އެތަކެތި ބޭނުންކުރާ ގޮތް ދަންނަ ދިވެހިން މިހާރު ވަރަށް މަދުވާނެ އެވެ. އަދި އެއީ ކޮންއެއްޗެއްކަން ވެސް ގިނަ މީހުންނަށް މިހާރު ނޭނގޭނެ އެވެ. ތައުފީގުގެ މާލިމީކަމުގެ ޚަޒާނާ ވަރަށް މުއްސަންޖެވެ.
އޭނާ ގެންގުޅުނު މާލިމީކަމުގެ ސާމާނުތަކަކީ އެ ޒަމާނުގައި ވެސް ވަރަށް މަދު މާލިމީއަކަށް ނޫނީ ނުލިބޭ ތަކެއްޗެވެ. އަދި އެތަކެތި ބޭނުންކުރާ ގޮތް މިހާރު ވެސް ތައުފީގު ހިތުދަހެވެ. މާލިމީކަން އޭނާ ދަސްކުރީ ވަކި މަރުކަޒަކުން ކިޔަވައިގެނެއް ނޫނެވެ. ނަމަވެސް އޭނާ ކައިރިން ދަރިވަރުވި އެތައް ބަޔަކު މިރަށުގައި ވެސް އެބައުޅެވެ. ތައުފީގު ފަދަ ތަޖުރިބާކާރު ކުޅަދާނަ ދިވެހި މާލިމީއެއް މިހާރު ވަރަށް މަދުވާނެ އެވެ.
ބައްޕަޔަށްޓަކާ ފަޚުރުވެރިވާފަދަ ޞައްޕައެއްތީ. ބައްޕަގެ ޙަޔާތާބެހޭ ކިތައްމެ ސަފުހާއެއް ލިޔެވިދާނެ. އެއިގެ ތެރޭ ސިލޯނުގެ ވެލިކަނޑަ ޖަލުގައި އޮންނަން ޖެހުނުގޮތް ހިމެނޭ.