ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ކޮވިޑްއަށް ޕޮޒިޓިވްވާ ގިނަ އަދަދެއްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެތަން ލޮކްޑައުން ކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގާއިރު، އެމިނިސްޓްރީން ދެންމެގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މަރުކަޒުގައި ކޮންމެ ދުވަހަކު ކޮވިޑްގެ ކޭސްތައް ފެންނަމުން ދިއުމާއި ގުޅިގެން، އިއްޔެ ހަވީރު ހަޔަކުން ފެށިގެން މަރުކަޒު ލޮކްޑައުންކޮށް، އެ ތަނަށް މީހުން ވަދެނުކުމެ އުޅުން ކޮންޓްރޯލްް ކޮށްފައިވާކަމަށް ބުނެފަ އެވެ.
މިގޮތުން މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް 112 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެތަނުގައި އުޅޭ މީހުންނާއި މުވައްޒަފުންްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް މަރުކަޒުގައި ހަރަކާތްތެރިވަމުން ގެންދާކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެ އެވެ.
އޭގެ އިތުރުން ގުރައިދޫ މަރުކަޒު އާންމު ހާލަތަށް އަނބުރާ ގެނައުމަށް ކުރެވޭ މަސައްކަތްތައް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަރުކަޒުގެ އިސްވެރިންނާއި ގުރައިދޫ ކައުންސިލާ ވެސް ހިއްސާ ކުރައްވާފައި ކަމަށާއި، ހާލަތު ގޯސްވިޔަނުދީ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގިނަ ބައެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ގައިދުރުކަން އިސްކޮށް މާސްކު އެޅުމަށާއި، ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.