މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށުނުއިރު ވެސް، ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލްގައި ބައެއް ދަރިވަރުންނަށް ފޮތް ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ޝަކުވާކުރަން ފަށައިފި އެވެ.

އެ ސްކޫލްގެ ދަރިވަރުންގެ ބައެއް ބެލެނިވެރިން ވަނީ ދަރިވަރުންނަށް ފޮތްތައް ނުލިބިގެން އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. ނަމަވެސް ދެވަނަ ޓާމްގެ ކިޔެވުން ފެށުނުއިރު ވެސް އެކަމަށް ހައްލެއް ހޯދައެއް ނުދެވެ އެވެ.

"ހުރިހާ" އާ ވާހަކަދައްކަވަމުން ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ މިއަދު ވިދާޅުވީ އެ ސްކޫލުގައި ފޮތް ނުލިބޭ އެއްވެސް ދަރިވަރަކު ނުހުންނާނެ ކަމަށެވެ. އަދި ބެލެނިވެރިންގެ މިފަދަ ޝަކުވާތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް، ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

"ހުރިހާ ކުދިންނަށް، ދަރިވަރުންނަށް ހަމަ، މިހާރު ބޭނުންވާ ހުރިހާ ފޮތްތަކެއް ވަނީ ފޯރުކޮށްދެވިފައި. އެއްވެސް ކުއްޖަކަށް ފޮތް ނުލިބި ނުހުންނާނެ މިހާރު،" އޭނާ ވިދާޅުވި އެވެ.

ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ފޮތްތައް ނުލިބޭ ކަމަށް އެ ސްކޫލްގެ ބައެއް ބެލެނިވެރިން ބުންޏެވެ.

"ގްރޭޑް ނުވައެއް ދަރިވަރުންނަށް އިސްލާމް، ދިވެހި ފިޔަވައި އެއްވެސް އެހެން ފޮތެއް ނުދޭ. އަދި އޮންލައިންކޮށް ކިޔަވައިދޭ ބައެއް ފޮތްތައް އަދިވެސް ނުލިބޭ ދެވަނަ ޓާމް ފެށުނުއިރު ވެސް. ސްކޫލުން ބުނަނީ ސޮފްޓްވެއާގެ ޕާސްވޯޑު ނުލިބިގެންނޭ ފޮތްތައް ނުދެވިގެން އުޅެނީ،" ބެލެނިވެރިއަކު ބުންޏެވެ.

ރެހެންދި ސްކޫލްގެ އިތުރުން ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ބައެއް ދަރިވަރުންނަށް ވެސް ފޮތްތައް ނުލިބޭ ކަމަށް އެ ސްކޫލްގެ ބައެއް ބެލެނިވެރިން ބުންޏެވެ. އެ ސްކޫލްގެ ދަރިވަރުންނަށް ވެސް ދިމާވެފައި ވަނީ އެއް މައްސަލައެއް ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މީގެ ކުރިން ވެސް ދަރިވަރުންނަށް ފޮތްތައް ނުލިބޭ މައްސަލަ ފެންބޮޑުވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.