އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރުގެ މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދިޔުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ފޮރިން މިނިސްޓަރަކު ނެތި ރާއްޖެ ހިންގާކަން މިހާރު ސާފުވެއްޖެ ކަމަށެވެ. އަދި ޝާހިދު ފޮރިން މިނިސްޓަރުގެ މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަނީ ފޮރިން މިނިސްޓަރެއް ނެތި ދައުލަތް ހިންގަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެފަދައިން ފޮރިން މިނިސްޓަރެއް ނެތި ރާއްޖެ ހިންގުމަކީ ބޮޑު ޖޯކެއް ނޫންތޯ ވެސް ޝާހިދު ވަނީ ސުވާލެއް އުފައްދަވާފަ އެވެ.

"މި ގައުމުގެ ފޮރިން މިނިސްޓަރު ގޮސް އދ. ގައި. ކިހިނެއްގޭ މިގައުމު ފޮރިން މިނިސްޓަރު ހިންގާނީ؟ އޭނާ ސުޕްރީމް ކޯޓަށް ގޮސް ބާލާނަން. މި މަޖިލީހުން އޭނާ ބަހައްޓައިގެން ނުވާނެ. މަޖިލިސް މެމްބަރުން ކުށްވެރިވާނެ،" ޖާބިރު ވިދާޅުވި އެވެ.

ޝާހިދު އެންމެ ފަހުން ރާއްޖެއަށް ވަޑައިގަތީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ. ބެލެވޭ ގޮތުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ދައުރު އެކީގައި ހޭދަކުރައްވާނީ އެމެރިކާގެ ނިއުޔޯކުގަ އެވެ. އަދި އެނބުރި ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.