ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ހިދުމަތްތަކާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއެކު ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު މަޝްވަރާކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލު އިދާރާގައި އޮތް މަޝްވަރާ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ފުވައްމުލަކަށް މިހާރު ދިމާވެފައިވާ ދަތިތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ މެދު ނައިބު ރައީސް ފައިސަލާއެކު މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްގީކުރުމާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ޚިދުމަތްތަކާ ބެހޭ ވާހަކަތައް ހިމެނެ އެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ފުވައްމުލަކުގެ ޕަވާ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާއެކު މޫދަށް ދެވޭނެ ގޮތެއް ނެތުމާއި ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުންކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައި އޮތުން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ނައިބު ރައީސާއެކު މަޝްވަރާކުރައްވާފައިވެ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ވިދާޅުވީ ފުވައްމުލަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރަށުގެ ތަރައްގީއަށް ކުރެވޭ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ ކަންކަން ކަމުގައި ވެގެންދިއުމަށް ކަމަށެވެ. އަދި ފުވައްމުލަކުގެ ތަރައްގީގެ އެންމެހާ ކަންކަމަކީ ރައީސް ސޯލިހު ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއް ކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކައުންސިލްގެ ފަރާތުން މިއަދު ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެންހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާނަމަ އެކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް އެ އިދާރާތަކާއި ގުޅިގެން ކުރިޔަށްގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.