ބިގް ބޮސް 7ގައި ބައިވެރިވެގެން ބޮލީވުޑަށް ތައާރަފުވި ސުވިޑިޝް ތަރި އެލީ އަވްރާމް، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗައް ހަދާ ކުރު ފިލްމެއް ކުޅެން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

"ވިތް ޔޫ" ނަމަކަށް ކިޔާ މިސުވިޑިޝް ފިލްމުގައި ދައްކުވައިދޭނީ ޅަފަތުގައި ކުރިމަތިވާ ކަންކަމުން ކުރާ އަސަރުތަކާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ކަމަށް އެލީ ބުނެ އެވެ. މިގޮތުގެ މަތިން ފިލްމުގައި ވަރުގަދަ މެސެޖެއް ހިމެނިފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

އެލީ ބުނެފައިވަނީ ޕެންޑަމިކްގެ ސަބަބުން އެންމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މިކަމުގެ ސަބަބުން ބައެއް މީހުންނަށް ނަފްސާނީ ގޮންޖެހުންތައް ކުރިމަތިވަފައިވާ އިރު މިފަދަ މަސައްކަތަކަށް އިންތިޒާރު ކުރަމުން އައި ކަމަށެވެ.

އެލީ އަވްރާމަކީ އެކި ބަސްބަހުން ހަދާ ފިލްމުތަކަށް ލޯބިކުރާ ފަންނާނެއް ކަމުން މިހާތަނަށް އޭނާ ކޮށްފައިވާ ފިލްމުތަަކުގެ މަސައްކަތްތަކަށް އޭނާ ވަނީ ހިންދީ، ކަންނާޑާ، ޓެމިލް އަދި ފްރެންޗް ބަސް ދަސްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ގޮސްފައިވަނީ މިއަހަރު ފެބުރުވަރީގައި ނުކުތް މޯހިތް ސޫރީގެ "މަލަންގް" އިންނެވެ. މިރޮމޭންޓިކް ތްރިލާގައި އެލީ އާއި އެކު ހަރަކާތްތެރިވެފައި ވަނީ އަދިތްޔާ ރޯއީ ކަޕޫރް އާއި ދިޝާ ޕަޓާނީގެ އިތުރުން ކުނާލް ކޭމޫ އާއި އަނިލް ކަޕޫރު އެވެ.