“މެޓަލް ވޯސް މޯލްޑިވްސް” (އެމްޑަބްލިޔުއެމް) އިން ދަ ގެދަރިންގްސް އާއި ގުޅިގެން ކުރިޔަށްގެންދާ ރާއްޖޭގެ އެންމެ ފުރަތަމަ ހެވީ މެޓަލް މުބާރާތް ނިމުމަކާގާތް ވާން ކައިރިވެފައި ވާއިރު، މިހާރު ކުރިޔަށްދަނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ލަވަ ހޯދުމަށް ކުރިޔަށްދާ ވޯޓިންގް މަރުހަލާ އެވެ. މިބައި ފުރިހަމަ ކުރުމަށް ތިޔަ ބޭފުޅުންގެ ތެރެއިން އެދިވަޑައިގަންނަވާ ފަރާތްތަކުން މިލިންކުގައިވާ ގޫގުލް ފޯމް ފުރުއްވާ ށެވެ.

"ބެޓްލް 1 ރިވައިވަލް"ގެ ނަމުގައި އިންތިޒާމްކޮށްގެން ސޯޝަލް މީޑިޔާގައި ކުރިޔަށްގެންދާ މިމުބާރާތަކީ ދިވެހިންގެ ތެރޭގައި ހެވީ މެޓަލް ޖޯންރާގެ މިޔުޒިކް އަލުން ދިރުވާ އާލާކޮށް، މިބާވަތުގެ އާ މަސަތްކަތް ނެރޭނެ އާޓިސްޓުން އުފައްދާ މިކަމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ކުރިޔަށްގެންދާ މުބާރާތެއް ކަމަށް މެޓަލް ވޯސް މޯލްޑިވްސްއިން ބުންޏެވެ. އެގޮތުން މުބާރާތުގެ މިހާތަނަށް އައި އިރު މިމުބާރާތް މެދުވެރިކޮށް ޖުމްލަ ހަތް ބޭންޑެއް ވުޖޫދަށް އައިސް މިއިން ކޮންމެ ބޭންޑަކުން ވަނީ އެބައެއްގެ އޮރިޖިނަލް އާ ލަވައެއް ހުށައަޅާފަ އެވެ. މުބާރާތުގެ ބާކީ އޮތީ މިލަވަތަށް އެސެސްކޮށް ހުރިހާ ގޮތަކުން އެއްވަނަ ހައްގުވާ މަސައްކަތް ކޮށްފައިވާ ޓީމު ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ފަނޑިޔާރުންގެ ޓީމުގައި ހިމެނެނީ ޖެސީ ބެލްމޮންޓް، މިރާހް އަލީ، ދާއި އާއި އެމްޑަބްލިޔުއެމްގެ ފައުންޑަރުން ނެވެ.

މެޓަލް ވޯސް މޯލްޑިވްސް އިން އާންމުކޮށްފައިވާ މާކްސް ދިނުމުގެ ކްރައިޓީރިއާ އަށް ބަލާލާއިރު އާންމުންގެ ވޯޓަށް 20 ޕަސެންޓު މާކްސް ކަނޑައަޅާފައި އެވެ. ވީޑިޔޯ ޕްލޭ ތްރޫއަށް 10 ޕަސެންޓު މާކްސް ކަނޑައަޅާފައި ވާއިރު ބޭންޑުގެ ސޯޝަލް މީޑިޔާ ޕްރެސެންސް އަށް 10 ޕަސެެންޓް މާކްސް، ލަވައިގެ އާޓްވޯކަށް 10 ޕަސެންޓު މާކްސް އަދި މިޔުޒިކް ޖަޖް ކުރުމަށް ހަމަޖެހިފައިވަނީ 50 އިންސައްތައިން ނެވެ.

https://www.facebook.com/107079031085303/posts/159227392537133/?d=n

ޖުލައި، 18، 2020ގައި އިއުލާންކޮށްފައިވާ މިިމުބާރާތުގެ އެއްވަނަ އަށް ހޮވޭ ފަރާތަކަށް ހުށައަޅާފައިވާ އިނާމަކީ 38،000 ރުފިޔާގެ އަގުހުރި އިނާމާއެކު ރާއްޖޭގެ އެންމެ ފުރަތަމަ ބޭއްވި ހެވީ މެޓަލް މުބާރާތުގެ ރަން ވަނަ ހޯދި ކަމުގެ ޝަރަފެވެ.