ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއްގައި ކުރީގެ ޖެންޑަ މިނިސްޓަ ޒެނީޝާ ޝަހީދު ޒަކީ އާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެޗްއާރުސީއެމްއިން ބުނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެމައްސަލާގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފޮނުވާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ޕީޖީ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

ނަމަވެސް މިމައްސަލާގައި ދައުވާކުރަން ފޮނުވި މީހުންގެ ނަމެއް ވެސް އަދި އަދި މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއާއި، ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ކުރީގެ ސަރުކާރުން ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމުންނެވެ. ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައް ވެސް ތަހުގީގުން ވަނީ ފާހަގަކޮށްފަ އެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ބުނީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފުތާގައި އެ މައްސަލާއާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ވެސް މިމައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.