އދ. ދަނގެތީގައި ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރު މަރާލީ ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.

އަނިޔާވެރި ގޮތަކަށް މަރާލައި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ. އޭނާ އަކީ އެރަށުގައި އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށް ހުންނަ މީހެކެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ކުރި ތަހުގީގުގައި އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ކިޔައިދީފަ އެވެ. އެގޮތުން މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހުގައި ކަމަށް އޭނާ ބުނެ އެވެ.

މަހުމޫދުގެ އެތަށް މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު، މަރާލުމަށްފަހު، މަހުމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި އެންމެ ކައިރީގައި ހުރި ފަޅު ގޭގައިވާ ވަޅަކަށް ވައްޓާލީކަމަށް ސާލިމް ކިޔައިދިނެވެ. އަދި މިކަމުގައި އެއްވެސް މީހަކު ބައިވެރިވެފައި ނުވާަމަށާއި، މި ހުރިހާ ކަމެއްވެސް ކުރީ އޭނާ އަމިއްލަޔަށްކަން ފުލުހުންނަށް ވަނީ ހާމަވެފަ އެވެ.

މިގޮތުން އެކި ގޮތްގޮތުން ފުލުހުންނަށް ލިބިފައިވާ ހެކިތަކުންނާއި، ރަށުގެ އެކި ހިސާބުތަކުގައިވާ ސީސީޓީވީ ކެމެރާތައް ބެލިބެލުމުގައިވެސް ކަމާއި ގުޅުންހުރި މަންޒަރުތަކުން ފެނިފައިވަނީ ސާލިމް އެކަނިކަމަށް ފުލުހުން ބުނެ އެވެ.

ރަހުމުކުޑަގޮތަކަށް މަހުމޫދު މަރާލުމަށްފަހު ވަޅަށް ލާފައި އޮއްވައި އޭނާ ފެނުނުއިރު، މަހުމޫދުގެ ހަށިގަނޑުގައި އެކި ވަރުވަރުގެ ޒަހަމްތައް ހުރިކަމަށް އާއިލާއިންނާއި މަންޒަރުދުށް މީހުން ކިޔައިދެ އެވެ. އެގޮތުން މަހުމޫދުގެ ބޮލުގެ ފަހަތުގައި އެއްޗަކުން ބާރަށް ޖަހާފައި ހުރިކަމަށް ބެލެވޭ ޒަހަމްތަކެއް ފެނިފައިވާއިރު، އޭނާގެ ކަރަށް ވަޅި ހަރައި، ކަނާތުފަރާތު ބުމަ ކައިރިންވެސް މިފަދަ ޒަހަމްތަކެއް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން މަހުމޫދުގެ ހަށިގަނޑު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ލިބުނުކަމަށް ބެލެވޭ ޒަހަމްތަކެއްވެސް ފެނިފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ސާލިމްއާއި މެދުގައި ޝައްކު އުފެދުނީ މަހުމޫދު މަރާލި ރޭ ނެދުންގޭގެ ތެރެއިން މީހަކަށް އަޑެއް އިވުމުން އޭނާ އެގޭގެ ފާރުމަތިން ބެލުމުން ފެނުނު މަންޒަރު ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

އެގޮތުން މަންޒަރުދުށް މީހާއަށް އެރޭ ސާލިމް އެއްޗެއްގައި ހިފައި ފަހަތަށް ދަމަމުން ދިޔަ މަންޒަރު ފެނުނުކަމަށާއި އެކަން އޭނާއަށް ސިފަވެފައިވަނީ މީހެއްގެ ދެފައިގައި ހިފައި ދެމުން ފަދަ ގޮތަކަށް ކަމަށް އޭނާ ފުލުހުންނަށް ކިޔައިދީފައިވެ އެވެ. މަހުމޫދު ނުފެނި ގިނަ އިރުތަކެއްވެ، ވަޅުން އޭނާ މަރުވެފައި އޮއްވައި ފެނުމުން އެރަށު މީހުންނަށް ފެނުމުން، އޭނާ ވަނީ ޝައްކު އުފެދޭ ފަދަ މަންޒަރެއް އޭނާއަށް ފެނުނުކަން ފުލުހުންނަށް އަންގައި ރިޕޯޓުކޮށްފަ އެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ފުލުހުންނަށް ހާމަވެފައިވާ މައުލޫމާތުތައް ހާމަކުރުމަށް ފުލުހުންގެ އިސްވެރިން ވަނީ ދަނގެއްޗަށް މިއަދު ވަޑައިގެންފަ އެވެ. މިގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ މިދަތުރުގައި ދަނގެއްޗަށް ވަޑައިގެން، އެރަށުގެ ކައުންސިލާއި އާއިލާއާއި ބައްދަލުކުރައްވައި މަހުމޫދުގެ މަރުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.