އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓު މިއަހަރުގެ ޑިސެމްބަރު މަސް ފެށުމުގެ ކުރިން ފާސްކުރުމަށް މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިއަދުން ފެށިގެން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ފެށުނީ ކަމަށާއި ބަޖެޓު ބަހުސް ފެށޭނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

އެގޮތަށް ހަމަޖެއްސެވީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން ބަޖެޓު ދިރާސާކުރުމަށް މެންބަރުންނަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާތީ އެވެ. ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ޖޮއިންޓް ކޮމިޓީން މިއަދު ބައްދަލުވުމަށްފަހު ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު މިއަދު ހޮވާނެ އެވެ.

ބަޖެޓު ދިރާސާކުރުމަށްފަހު އެންމެ ލަސްވެގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެ އެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން ނޮވެމްބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށްވަނީ ނިންމާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެސްގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް އަންދާޒާ ކޮށްފައިވެ އެވެ.