ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އަންގައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަން ފާހަގަކޮށް، މި ދުވަސްތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރީ، ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ގޯސްވާނެ ކަމަށް ލަފާކޮށް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ހާއްސަ ގޮތެއްގައި ކަނޑު ދަތުރުކުރާ މީހުން، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.