ރަށުގެ ފިރިހެނުންގެ ތެރެއިން ބަޔަކު ވަލު ތެރޭގައި ފިލައިގެން އުޅުނެވެ. އެ މީހުން ކައްކައި ކައި ނިދާ ހެދީ ވަލު ތެރޭގައި ބަޔަކަށް ނުފެނި ފިލާ ތިބެ އެވެ. ނިކުމެއްޖެނަމަ ލިބިދާނެ އަދަބަކަށް ބިރުންނެވެ. އަންހެނުންނާއި ފިރިހެނުން މުޅި ދުވަހު ބުރަ މަސައްކަތުގައި ހޭދަ ކުރަން ޖެހެ އެވެ. އަމިއްލަ ރުކުން ކާއްޓެއް އެޅުމަކީ ކުށެކެވެ. އެފަދަ އަމަލެއް ހިންގައިފި މީހަކަށް ދެވޭ އަދަބުގެ މިންވަރު ބޮޑެވެ. އެއްތެލާއި ދުރާ އިން ތެޅުމަކީ އެންމެ ކުދި އަދަބުތަކެވެ. އެކި ގޮތްގޮތަށް އަނދަގޮނޑި ޖަހައިގެން ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން އެތައް ބަޔަކު މަރުވެގެންދިޔަ އެވެ. އެއީ މުހައްމަދު އަމީނުގެ ވެރިކަމުގައި ގެންނެވި ރަށްވެހިކަމުގައި ރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ފުވައްމުލަކު މީހުން ތަހައްމަލު ކުރަން ޖެހުނު ހާލަތެވެ.
ރަށްވެހިކަމުގެ ދުވަސްވަރަކީ ރާއްޖޭގެ ވެރިކަން ހިންގެވުމާ ސުމުއްވުލަ އަމީރު މުހައްމަދު އަމީނު ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރާއްޖެތެރޭގައި ހިންގެވި ތަރައްގީގެ މަޝްރޫއެކެވެ. މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖެތެރޭގެ ރަށްރަށުގައި ރީތި މަގުތައް ހަދައި، މަގު ފާރު ރާނައި މަދަރުސާތައް އިމާރާތްކޮށް، މަސައްކަތްތެރިކަން އާލާކުރުމެވެ.
މިމަޝްރޫއު ކުރިޔަށް ގެންދިއުމަށް އަމީން ދީދީ އައްޔަން ކުރެއްވި މަންދޫބުންތަކުގެ ތެރެއިން ފުވައްމުލަކަށް ކަނޑައެޅުއްވި ބޭފުޅަކީ މަރުހޫމު މުހައްމަދު އިބްރާހިމް ލުތުފީ އެވެ.
ފުވައްމުލަކުގެ ތަރައްގީގެ މަސައްކަތާ ހަވާލުވެ ވަޑައިގެން ލުތުފީ ހުންނެވީ ޚާއްސަ ވަކީލެއްގެ ގޮތުގަ އެވެ. ފަހުން އޭނާއަށް އަތޮޅު ވެރިކަން ލިބިވަޑައިގެންނެވި އެވެ. ޚާއްސަ މަންދޫބެއްގެ ގޮތުގައި ލުތުފީ ފުވައްމުލަކަށް ވަޑައިގެންނެވީ ޑިސެމްބަރު 22 1951 ގަ އެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާ އަކަށް ބަދަލުވީ ޖެހިގެން އައި އަހަރު އެވެ.
މާލިއްޔާ ގާއިމުކުރުން
ލުތުފީ ފުވައްމުލަކަށް ވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވީ ރަށުގައި މާލިއްޔާ (ޓެކްސް ނެގުމުގެ ނިޒާމެއް) ގާއިމު ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ރައްޔިތުންގެ އަތުން މާލިއްޔާއަށް ވާރު (ޓެކްސް) ނެގުމަށްޓަކައި ބޭނުންވާ އިދާރާއެއް މާލިއްޔާގެ ނަމުގައި ގާއިމު ކުރެއްވި އެވެ. ރާއްޖޭގައި އޭރު އެންމެ ފުދުންތެރި، އެންމެ ބޮޑަށް ތަރައްގީވެފައި އޮތް އެއް ރަށް ކަމަށްވާ ފުވައްމުލައް، ލުތުފީއަށް ފެނިވަޑައިގެންނެވީ މަސައްކަތްތެރިކަމެއް ނެތް އެއްވެސް މަސައްކަތެއްކުރަން ނޭނގޭ ބަޔަކު އުޅޭ ރަށެއްގެ ގޮތުގަ އެވެ. އެހެންކަމުން ލުތުފީގެ ނަޒަރުގައި މަސައްކަތް ކަމުގައި ދެކެވަޑައިގެންނެވި މަސައްކަތް ރަށުގެ ރައްޔިތުންނަށް ދަސްކޮށް ދެއްވުމަށް ރާއްޖޭގެ ބައެއް ރަށްރަށުން އެރަށަށް މީހުން ގެންގޮސް ރޯނު ވެށުމާއި ފަންގި ވިނުމާއި ކުނާ ވިޔުން ފަދަ މަސައްކަތް ރައްޔިތުންނަށް ދަސްކޮށް ދީ އެ މަސައްކަތް ރައްޔިތުން ލައްވައި ކުރުވައި، އެ ކުރާ މަސައްކަތުން އުފައްދާ ބާވަތްތަކުން ބައެއް މާލިއްޔާއަށް ނަންގަވަން ފެއްޓެވެވި އެވެ.
ފުވައްމުލަކުގެ މަގުތައް ހަދަން ފެށުން
ލުތުފީ ފުވައްމުލަކަށް ވަޑައިގެން ރަށުގެ މަގުތައް ހެއްދެވުމުގެ ޕްލޭން ކުރައްސަވައި ބޮޑެތި ބިޔަ މަގުތަކެއް ހެއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ. އެގޮތުން 54 ފޫޓުގެ ފުޅާ މިނުގެ މައިގަނޑު ހަތަރު މަގެއް ހެއްދެވުމުގެ މަސައްކަތް ކުރިޔަށް ގެންދެވި އެވެ. އެ މަސައްކަތަށް ރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް ނުކުންނަން މަޖުބޫރު ކުރެއްވެވި އެވެ.
ލުތުފީގެ ޕްލޭނާ އެއްގޮތް ވާގޮތަށް ދަމާލެވޭ ރޮދީގައި ގެއެއް ލައްވައިލިޔަސް މިސްކިތެއް ގަބުރުސްތާނެއް ލައްވައިލި ކަމުގައި ވިޔަސް އެތަން ތަން މަގަށް ނެންގެވި އެވެ. ރަށުގެ ބިޔަ ޖަންގަލިތައް ކޮށައިގެންނާއި ފުން އޮޅުތައް ހިއްކައިގެން މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ރައްޔިތުން ދިޔައީ ވަރުބަލިވެ ލޮޑުވަމުންނެވެ. ހެނދުނު ހަތަކުން ރޭގަނޑު ދިހަޔަކަށް މަސައްކަތް ކުރިޔަށް ދާއިރު ކެއުމަށް ވެސް ލިބެނީ އެކަމަށް އެކަށީގެން ނުވާ ފަދަ ކުޑަ ވަގުތު ކޮޅެކެވެ.
ލުތުފީގެ އަދަބު
މަސައްކަތަށް ގަޑި ޖެހުމަކީ ލުތުފީގެ ފޮތުގައި ލިޔެވިފައި ހުރި އަދަބުތަކުގެ ތެރެއިން ލުއި އަދަބެކެވެ. ގަޑި ޖެހިއްޖެނަމަ ދުއްރާއިން މަދުވެގެން 10 އެތިފަހަރުން ތައުޒީރު ކުރެވޭނެ އެވެ. އަދަބުގެ ބޮޑު ކުޑަމިން އޮންނާނީ ލުތުފީ ހިތްޕުޅާ ހަމަ ކުރެއްވި މިންވަރަކަށެވެ. ދުއްރާއިން ތެޅުން 10 އެތިފަހަރާއި 80 އެތިފަހަރާ ދެމެދުގެ މިންވަރަކަށް ދެމިގެންދެ އެވެ. މިގޮތަށް ތެޅުމަށްޓަކައި ރަށުގެ އެކި އަވަށް އަވަށުން ބާރުގަދަ މީހުން ދޭވާނީންގެ ގޮތުގައި ހޮވާފައި ތިބެ އެވެ.
ދުއްރާއިން ތެޅުމުގެ އިތުރުން އަނަދަގޮނޑި ޖެހުމާއި ކޮށީގައި ބަންދުކުރުމަކީ ވެސް އާންމުކޮށް ލުތުފީ ރައްޔިތުންނަށް ދެމުން ގެންދިޔަ އަދަބުތަކެވެ. މަސައްކަތުގައި ވަރުބަލިވެގެން ނުވަތަ އެހެން ގޮތަކުން ނަމަވެސް ފަރުވާ ކުޑަވެ ނުވަތަ މަސައްކަތަށް ހާޒިރުނުވުން ކަހަލަ ކަމެއް ވެއްޖެ ނަމަ ދުއްރައިން ތެޅުމުގެ އިތުރުން ރޭގަނޑު ނިދަން ކޮއްޓަށް ދާން ޖެހެ އެވެ. މިގޮތަށް ކޮއްޓަށް ލަނީ ފިރިހެނުންނެވެ.
ގިނަ އަވަށްތަކުގެ ފިރިހެނުންގެ ބޮޑު އާބާދީއެއް ރޭގަނޑަށް ކޮއްޓަށްލައި ބަންދުކުރެ އެވެ. އެގޮތަށް ކޮށްޓާށް ލާ މީހުނަށް އެކަށީގެންވާ ކެއުމެއް ވެސް ނުލިބެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބޭނީ އަނދަގޮޑީގަ އެވެ.
ކޮށީގައި ތިބޭ މީހުން ބެހިފައި އޮންނަނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން އެންމެ ލުއި އަދަބު ލިބޭ މީހުންނަކީ ދިމާވާ ކުދިކުދި ކަންކަމުގައި ލުތުފީ ކޯފާވާ މީހުން ވަގުތީ ގޮތުން ބަންދު ކުރާ ބަންދު ކުރުމެވެ. ދެވަނަ ދަރަޖަޔަކީ ކޮންމެ ރެއަކު ވެސް ނިދުމަށް ކޮއްޓަށް ވަންނަން ޖެހޭ މީހުންނެވެ. އެފަދަ މީހުންނަކީ އަމިއްލަ ރުކުން ކާއްޓެއް އެޅުން، އޮޅުން އަލަ ކެނޑުން ފަދަ ކަންކަމުން ކުށްވެރިވާ މީހުންނެވެ. އެ މީހުން ކޮށްޓަށް ދާން ޖެހޭނީ ރޭގަނޑަށް ބޭނުންވާ ކެއުން ގެއިން ހިފައިގެންނެވެ. ތިންވަނަ ދަރަޖައަކީ ކަންތައްތަކުގައި ލުތުފީ އާ ޖަދަލުކުރުން ފަދަ ބޮޑެތި ކުށްތަކަށް އަދަބު ލިބޭ މީހުންނެވެ. މިފަދަ މީހުން ދާއިމީ ގޮތެއްގައި ތިބޭނީ ކޮށީގައި ބަންދު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އަނަދަގޮނޑި އާއި ޗޭނު ޖަހާފައި ތިބެ އެވެ.
ރައްޔިތުން ކުށްވެރިވާ ހާލަތު
ލުތުފީގެ ހަރުކަށި ގަވާއިދުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް ގަވާއިދަކީ އަމިއްލަ ރުއްގަހާ އޮޅު އޮޅުން އަމިއްލައަށް ބޭނުންކުރުން މަނާކުރުމުގެ ގަވާއިދެވެ. ރުކުން ކާށިއެޅުމާއި ބަނބުކެޔޮ ގަހުން ބަނބުކެޔޮ ކެނޑުމަކީ މާލިއްޔާއިން ޚާއްސަ ހުއްދައެއް ލިބިގެން މާލިއްޔާގެ މީހަކު ހުރެގެން ނޫނީ ކުރުން މަނާ ކަމެކެވެ. މީގެ ބޭނުމަކީ ރުއްގަހުން އަޅާ ކޮންމެ އެއްޗަކުން މާލިއްޔާއަށް ނަގާ ފަސްބައި ކުޅަ އެއްބައިން އެއްޗެއް އުނިވެގެން ނުދާނޭހެން ރޭވުމެވެ.
މަސްދޯނިފަހަރުގެ ތެރެއިން މަހަށް ދާން ހުއްދަ އޮންނަނީ ކޮންމެ ދުވަހަކު ވެސް އަވަށަކުން އެއް ދޯންޏަށެވެ. އެ ދޯނިން ބާނާ މަހުގެ ވެސް ފަސްބައި ކުޅަ އެއްބައި މާލިއްޔާއަށް ދޭން ޖެހެ އެވެ. އެކަމުގެ ސަބަބުން އަމިއްލަ ރުއްގަހުގައި ކާނާ ހުރެ އެ ކެވޭނެ ގޮތެއް ނެތި ރައްޔިތުން ބަނަޑަށް ޖެހުނެވެ. ގިނަ ބަޔަކު ނިކަމެތި ހާލުގައި މަރުވެ ދިޔަ އެވެ.
ރޭގަނޑު 11 ގެ ފަހުން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އެއްވެސް ސަބަބަކާ ހުރެ މީހަކު ބޭރަށް ނުކުމެއްޖެނަމަ އެ މީހަކަށް ލިބޭ އަދަބު ވަރަށް ބޮޑުވާނެ އެވެ. 11 ގެ ފަހުން މީހުން ބޭރަށް ނުކުމެ އުޅޭތޯ ބެލުމަށް އެކި އަވަށް އަވަށް ފޯރި މަރާ މީހުން އުޅެ އެވެ. ހަމަ އެފަދައިން ރޭގަނޑު ގެއެއްގެ އުނދުނުގައި އަލިފާން ރޯކުރުމަކީ ވެސް މަނާ ކަމެކެވެ.
ލުތުފީގެ އަމަލަށް ނޫނެކޭ ބުނުން
ކިތަންމެ ނުރުހުނު ކަމުގައި ވިޔަސް ލުތުފީގެ އަމަލުތަކަށް ނުރުހުންވެ ބަހެއް ބުނެލަން ކެރޭ މީހަކު ރަށުގައި ހުރި ކަމަކަށް ނުވެ އެވެ. ސަބަބަކީ ލުތުފީގެ އަނިޔާވެރިކަމަށް ބިރުންނެވެ. ކިރިޔާ ވެސް ލުތުފީގެ އަމުރަކަށް ފުސް މޫނެއް ދައްކާލިޔަސް އެ މީހަކަށް ލުތުފީގެ އަނިޔާވެރިކަން ފޯރާނެ އެވެ. ލުތުފީގެ އައުވާނުންގެ ތެރެއިން ބާރުގަދަ މީހުން ގޮސް އެ މީހަކު ހިފާ ހައްޔަރު ކޮށްގެން ލުތުފީ ކަނޑައަޅާ އަދަބެއް ދޭނެ އެވެ.
ލުތުފީގެ އަނިޔާވެރިކަން ކިތަންމެ ވަރުގަދަކަމުގައި ވިޔަސް އެފަދަ އަނިޔާތަކުގެ ކުރިމަތީގައި އަޑު އުފުލަން ކެރުނު މަދުބަޔަކު އޭރު ވެސް ތިބިކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ މުޅި ރަށަށް ބަޑޮބެއަގެ ފުތުގެ ނަމުން މަޝްހޫރު ވެފައިވާ ފުވައްމުލަކު ދޫނޑިގަމު، އަންނާރުމާގޭ ފުތު އެވެ.
ފުތުއާއި ލުތުފީ އާ ދޭތެރެ ދޭތެރެއިން ޒުވާބު ހިނގާ ކަމަށްވެ އެވެ. މިފަދަ ޒުވާބު ހިނގާ ކޮންމެފަހަރަކު ވެސް ލުތުފީގެ ބިރުވެރި އަދަބު ފުތަށް އަމަޒުވެ އެވެ. މިގޮތުން މި ދެ މީހުންގެ ދެމެދުގައި އެންމެ ފަހުން ހިނގި ހަމަ ނުޖެހުމަކީ ފުތު ބަލިވެ އުޅޭތީ މަސައްކަތު ދާން އުޒުރުވެރިވާ ވާހަކަ ލުތުފީއަށް ދެންނެވުމުން ހިނގި ހަމަ ނުޖެހުމެކެވެ.
މަންޒަރު ގާތުން ދުށް ފުވައްމުލަކު ދޫނޑިގަމު، ކިނބިގަސްދޮށުގޭ އަލިމަނިކުފާނު (މޫސައުގެ ބެއްޔަ) ބުނި ގޮތުގައި ފުތުގެ އިލްތިމާސަށް ލުތުފީ ދެއްވި ޖަވާބަކީ މަސައްކަތު ނިކުންނަން ޖެހޭނެ ކަމަށެވެ. އެ ޖަވާބާ ވިދިގެން ފުތު ހަރު އަޑުން ނުދާނަމޭ ބުނުމުން ލުތުފީ ފުތުގެ ގައިގަ ޖެއްސެވި އެވެ. ބަލާކަށް ނުހުރެ ފުތު ފުންމައިގެން ގޮސް ލުތުފީގެ ގައިގަ ތަޅައިގަތެވެ. އެ ވަގުތު އެތަނުގައި ތިބި މީހުން ފުތު ހިފާ ހައްޔަރުކުރި އެވެ. ފުރުސަތުގެ ބޭނުން ކުރައްވައި ލުތުފީ ފުތަށް ވަރަށް އަނިޔާކުރި ކަމަށްވެ އެވެ. އެއަށްފަހު ފުތު އަނދަގޮނޑި ޖެއްސެވި އެވެ. އެވަގުތު އަޑަށް ލެވުނުހާ ބާރެއްލާފައި ލުތުފީއާ ދިމާލަށް ފުތު ގޮވިކަމަށް ވަނީ "ކަލޭގެ ދުވަސް މި ހިސާބުން ނިމުނީ. ގިނަވެގެން މިރަށުގައި ދެން ހުރެވޭނީ ތިން ދުވަހަށް." ކަމަށެވެ.
އަލި މަނިކުފާނު ބުނިގޮތުގައި ފުތުގެ އެ އިންޒާރު ލުތުފީއަށް އަމާޒުވި ދުވަހުގެ ފަހު ދުވަހު ބޭރުން އޮޑިއެއްގެ ރިޔާ ދައްކާއިލި އެވެ. އޮޑިއައިސް ގާތް ކުރިއިރު އެ އޮޑިއަކީ މުހަންމަދު އަމީނުގެ ޖުމުހޫރިއްޔާ އުވި ގައުމުގައި އަލުން ރަސްކަމެއް ގާއިމުވިކަމުގެ ޚާބަރާއެކު މާލެއިން އައި އޮޑިއެކެވެ. އޮޑިގައި ލުތުފީގެ ބަދަލުގައި ފުވައްމުލަކުގެ އަތޮޅުވެރިކަމަށް އަލަށް ހަމަ ޖެހުނު ނ. ތ މުހަންމަދު ދީދީ ވަޑައިގެންނެވި އެވެ. ހަމަ އެއޮޑިން ލުތުފީ އާއި އޭނާގެ އާއިލާ ފުރުވާލެވެނެވެ. އެ ދުވަސް ވީ ފުވައްމުލަކު ރައްޔިތުންނަށް އައި އުފާވެރި އީދަކަށެވެ.