ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ކޮޕް26 ގެ ހަވާސާގައި، ބޭއްވި ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް މިނިސްޓަރު އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ މި ޕެނަލްގެ މަޝްވަރާތައް ޗެއާ ކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެވެ. އަދި މި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މިއީ 48 މެމްބަރު ގައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތްގެ 54 މެމްބަރު ގައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާގޮތަށް ބޭއްވުނު ފުރަތަމަ މިފަދަ މަތީ ފަންތީގެ ބައްދަލުވުން ކަމަށެވެ.

މި މަތީ ފަންތީގެ ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެކަން ބަޔާންކޮށްދެއްވާފަ އެވެ.

މި މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝައުނާ ވިދާޅުވީ، މި ދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތުނަގާލެވެން އޮތް ދަނޑިވަޅެއް ނޫންކަމަށާ، މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ އެކަންކަމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ. ހަމަ އެއާއެކު މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފަ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްއަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15 ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26 ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.