މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ސްކޮޓްލޭންޑްގެ ގްލޮސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ޗާޓުން މުޅިން ފޮހެވިގެން ހިނގައިދާނެ، ބިންތިރި ގައުމުތަކުގެ ތެރެއިން ގައުމެއްކަމަށް ތިމާވެށީގެ މާހިރުން، ފާހަގަކުރައްވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ފާއިތުވެދިޔަ މަހެއްހާ ދުވަހު، އެމަނިކުފާނު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވި ކަމަށާއި އެމަނިކުފާނު ޒިޔާރަތްކުރެއްވި ހަ ރަށުގެ ތެރެއިން، ހުރިހާ ރަށެއް ވެސް ދިޔައީ ރަށްގިރުމުގެ މައްސަލަ އިންތިހާ ދަރަޖައަށް ތަޙައްމަލުކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ރަށްގިރުމުގެ މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އެތައް އަސަރެއްގެ ތެރެއިން، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިއަދު ތަޙައްމަލުކުރަންޖެހިފައިވާ ނުރައްކާތަކުގެ ތެރެއިން، ހަމަ އެންމެ ކަމެއްގެ މިސާލު،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަށްތައް މިދަނީ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް، ރަށަކަށްފަހު ރަށެއް ޣަރަގުވަމުން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވަނީ މިކަންތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، މި ހިނގާ ޤަރުނު ނިމިގެންދާއިރު، ދިވެހިރާއްޖެ ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސްއިން، 2 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖެހިއްޖެނަމަ އެހީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އިއްވޭ މަރުގެ ހުކުމެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް އެހީވާން ތަރައްގީވެފައިވާ ގައުމުތަކުން ދޭނެ ކަމަށް އެއްބަސްވި ފައިސާ ނުލިބޭތީ އެ ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމަށް ވެސް ރައީސް، ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވި އެވެ.

ޕެރިހުގައި 2015 ގައި ބޭއްވި ކޮޕް 21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ވައުދުވީ ނަމަވެސް، އެ ފައިސާގެ ތެރެއިން ގައުމުތަކަށް މިހާތަނަށް ލިބުނީ ކުޑަ މިންވަރެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ފައިސާ ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅަން ސަމިޓުގެ ބައިވެރިން ގާތު ރައީސް އެދިވަޑައިގެންނެވި އެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރި ހުރަސްތައް ގިރާކުރުމަށް، ލިބޭ އެންމެ ފަހުފުރުސަތަށް ވެދާނެކަން އެންމެންނަށް ވެސް އެނގޭކަމަށާ، މި ފުރުސަތުގެ ބޭނުން ބޭކާރުކޮށްނުލުމަށް ރައީސްވަނީ ދުނިޔެއަށް ގޮވާލައްވާފަ އެވެ.

ކޮޕް ސަމިޓުގައި ރައީސް ސާލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަދި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި ސަރުކާރުގެ އިސްވެރިންގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެ އެވެ.