މުދައްރިސުން މަދުވާ ސަބަބުތައް ދެނެގަތުމަށް ހަދާ ދިރާސާ ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން ވަޑައިގެންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މުދައްރިސުން އެކަށީގެންވާ މިންވަރަށް ނުލިބޭ މައްސަލައާއި ގުޅޭގޮތުން ޢިލްމީ ދިރާސާއެއް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. އަދި އެ ދިރާސާގެ މަސައްކަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިމޭނެކަމަށާއި، ދިރާސާ ނިމުމުން ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް އެނގިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ވާހަކަފުޅުގައި މިނިސްޓަރު ވަނީ އެކަށީގެންވާ މިންވަރަށް މުދައްރިސުން ނުލިބޭ މައްސަލައިގައި ފާހަގަވާ ކަންކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބަލާނަމަ، ޓީޗަރުންނަަށް އެކަށީގެންވާ މިންވަރަށް މުސާރަ ނުލިބުމާއި، މުދައްރިސުންނަށް އޮންނަ ގަދަރު މިހާރު ނެތުމަކީ އެކަށީގެންވާ މިންވަރަށް މުދައްރިސުން ނެތުމަށް ދިމާވާ ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންނަށް ލިބޭ މުސާރަ ކުޑަވުމުގެ މައްސަލަ މީގެ ކުރިން އެކި އަހަރުތައް މަތިން ފެންމަތިވެފައިވެ އެވެ. އެހެންނަމަވެސް އެދެވޭ މިންވަރަށް ޓީޗަރުންގެ މުސާރަ ބޮޑު ނުވާކަމަށް ބުނެ ޓީޗަރުން ޝަކުވާ އަމާޒުވަމުންދެ އެވެ.