ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަލީ މަނިކާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތަސްލީމަށާއި، އަލިމަނިކަށް ދައުލަތުން ދައުވާކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިބާވަތުގެ މައްސަލައިގެ ރިކޯޑެއް މީގެ ކުރިން ދެ މީހުންނަށް ވެސް އޮތްކަން ފާހަގަކޮށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެއީ ޖިނާއީ ބޮޑު ކުށެއްކަމަށް ވިދާޅުވެފަ އެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވިކަން ފާހަގަކުރައްވައި ގާޒީ ވަނީ އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންކުރުމަށް ނިންމަވާފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާރު ދައުވާ ކޮށްފައި ވަނީ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަށާއި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

މި ހަމަލާއާއި ގުޅިގެން މިހައިތަނަށް ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު އާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގު، ވ. ތިނަދޫ، ލަކީ އަދުހަމް އަހްމަދު އާއި އަދި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

މި ހަމަލައިގައި ބޮން ގޮއްވައިލި ކަމަށް ދައުލަތުން ތުހުމަތުކުރި އަދުހަމް ރަޝީދު ވަނީ އޭނާ ކުށް ކުރިކަމަށް ގަބޫލުކޮށް ކުށަށް އިއުތިރާފުވެފަ އެވެ.