މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފި އެވެ.

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދު ތަކަށެވެ. އަދި މި ސަރަހައްދުތަކަށް މިއަދު މެންދުރު 12:00 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

އެެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މެޓުން ވަނީ އިއްޔެ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ސަމާލުގެ ވަގުތު ވެސް އިތުރު ކޮށްފަ އެވެ.

އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އައްޑުއާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

ނިމުނު އޮކްޓޯބަރު މަހު މޫސުން ގޯސްވުމާ ގުޅިގެން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި މެޓް އިން އިލްތިމާސްކޮށްފައި ވަނިކޮށް އެކި ހިތާމަވެރި ހާދިސާތައް ދިމާވުމާ ގުޅިގެން މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރުކުރުމުގެ ގަވާއިދުތައް ވަނީ އިތުރަށް ރައްކާތެރިކޮށްފަ އެވެ.

އޭގެ ތެރޭގައި ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރު (30 ފޫޓް) އިން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ.