އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަންގައި، މިއަހަރު ވަކިވެދިޔަ ބޮލީވުޑް ތަރިންނަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައިފި އެވެ. މިމަހު 23 ން 30 އަށް ކުރިޔަށްގެންދާ މިއިވެންޓުގެ ތެރެއިން ޓްރިބިއުޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފައި ވަނީ ރިޝީ ކަޕޫރު، އިރުފާން ހާން އަދި ސުޝާންތް ސިންގް ރާޖްޕުޓް އަށެވެ.

ފެސްޓިވަލް ތެރޭގައި ކުރިޔަށްދާ ޓްރިބިއުޓް ސެގްމެންޓުގެ ތެރެއިން މިއިން ކޮންމެ ފަންނާނެއްގެ އެއް ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސްކްރީން ކުރުމަށް ކަޑައަޅާފައިވާ ފިލްމުތަކަކީ 2017 ވަނަ އަހަރު ނުކުތް އިރުފާން ހާންގެ "ދަ ސޯންގް އޮފް ސްކޯޕިއަންސް" އާއި 2018ގައި ނުކުތް ރިޝީ ކަޕޫރުގެ "102 ނޮޓް އައުޓް" އަދި ހަމަ އެ އަހަރު ނުކުތް ސުޝާންތް ސިންގް ރާޖްޕުޓްގެ "ކެދަރުނާތް" އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފެސްޓިވަލްގެ ޑިރެކްޓަރު މިޓޫ ބޯމިކް ބުނެފައިވަނީ؛ މިއަހަރުގެ ޓްރިބިއުޓުގައި ހިމެނިފައިވާ ތިން ތަރިންނަކީ ވެސް ހެޔޮ ބަދަލު ދައްކައިދިން ފިލްމުތަކެއް ގެނެސްދިން ތަރިންތަކެއް ކަމަށެވެ. އެހެންކަމުން އެ މީހުންގެ ނެތި ދިއުން ސިފަ ކުރާނީ ފޫ ނުބެދޭވަރުގެ ގެއްލުމެއްގެ ގޮތުގައިކަން ފާހަގަ ކުރަމުން އޭނާ ވަނީ މިތަރިންގެ ހަދާން އާ ކޮށް ހިދުމަތުގެ އަގު ވަޒަން ކުރުމަށެވެ.

އިރުފާނު ހާން މަރުވެފައި ވަނީ ޓިއުމަރަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭޕްރިލް 29، 2020 ގަ އެވެ. ރިޝީ ކަޕޫރު ނިޔާވެފައި ވަނީ އޭޕްރިލް 30 ގައި ކެންސަރު ބައްޔާއި ހަގުރާމަ ކުރަމުން ދާތާ ދުވަސްތަކެއްވެފައި ވަނިކޮށެވެ.

ސުޝާންތް ސިންގް ރާޖްޕުޓް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގެއިން ޖޫން 14 ގަ އެވެ.

އޭނާގެ ކުއްލި މަރު ވެގެން ގޮސްފައިވަނީ މުޅި ބޮލީވުޑް ސިއްސުވާލި ކަމަކަށެވެ. އެހެންކަމުން އޭނާ މަރުވެފައި ވަނީ އަމިއްލަޔަށް ތޯ ނުވަތަ މީހެއްގެ އިހުމާލަކުންތޯ ބެލުމަށް އިންޑިޔާގެ ތަހުގީގީ އިދާރާތަކުން އަދިވެސް ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.