ދިވެހި ފިލްމީ ތަރި އާޝާއަށް ބޮލީވުޑްގެ އެކްޝަން ހީރޯ، ވަރުން ދަވަންގެ ފަރާތުން ހާއްސަ މެސެޖެއް ލިބިއްޖެ އެވެ. މިމެސެޖު ރިކޯޑުކޮށްފައި ވަނީ ރާއްޖޭގައި ވަރުން ހޭދަކުރަމުން އަންނަ ޗުއްޓީގެ ތެރެއިންނެވެ.

އާޝާގެ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފައިވާ މި ވީޑިއޯގައި ވަރުން ބުނެފައިވަނީ؛ އާޝާއަކީ ވެސް ފިލްމީތަރިއެއް ކަމަށް އަޑުއަހައިފިން ކަމަށާއި އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

https://www.instagram.com/p/CGzPD_AJDmZ/?igshid=78j2alf09oek

މި ވީޑިއޯކޮޅާ ގުޅިގެން "ހުރިހާ" އިން އާޝާއާ ގުޅާލުމުން އޭނާ ބުނީ މިއީ އޭނާގެ ރަހުމަތްތެރިއެއް ވަރުން އާއި ބައްދަލުވުމުން، އޭނާއަކީ އާޝާގެ ފެވްރިޓް ތަރިިއެއްކަން އެނގޭތީ ރިކޯޑުކޮށްދީފައިވާ ސަޕްރައިޒް މެސެޖެއް ކަމަށެވެ. އެގޮތުން މެސެޖު ލިބުނު ވަގުތުގެ އިހްސާސްތައް ހިއްސާކުރަމުން އާޝާ ބުނީ އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގި، ގަބޫލު ނުކުރެވިފައި ހުރީ ކަމަށެވެ.

އާޝާގެ އިންސްޓަގްރާމް އެކައުންޓަށް މި ވީޑިއޯ އަޕްލޯޑު ކުރުމުން ވަރުން ވީޑިޔޯ ވިއު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ވީޑިޔޯ ބަލާނެ ކަމަށް އުއްމީދު ނުކޮށް ހުއްޓާ ވީޑިއޯ ބެލުމުން އިތުރަށް އުފާވިކަން އާޝާ ފާހަގަ ކުރި އެވެ.

ދިވެހި ފިލްމީ އާއިލާއާއި ގުޅުނުތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އާޝާވަނީ ދާއިރާ އުއްމީދީ ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފަ އެވެ. އެގޮތުން މިހާރުވެސް ފޭން ބޭސް ބޮޑު މިތަރީގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު އުޅެނީ 19 ހާހުން މަތީގަ އެވެ.