މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ހެނދުނު 11 އިން ފެށިގެން ހަވީރު 4 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެފައިވެ އެވެ.

މިދުވަސްވަރު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އިން ވަނީ އިއްޔެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވަނީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރު ކުރާތީކަމަށް މެޓުން ވަނީ ބުނެފަ އެވެ. އަދި މި ދުވަސްވަރު ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.