ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާ ޝަރީއަތުގެ މަޖިލީހުގައި ހަނުހުރުމުން އޭނާއަށް އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކުރުމާއި ގުޅިގެން އެއީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިސްމާއީލް ޔާސިފް އެވެ. އޭނާ ހައްޔަރުކުރީ ފޭސްބުކްގެ ކޮމެންޓެއްގައި ހާމަކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ.

މިގޮތުން ޔާސިރު ކުރި ކޮމެންޓުގައި ރައީސް ނަޝީދު އަނބުރާ ރާއްޖެ އައިސްފި ނަމަ އަބޫޖަހުލަށް ބަދުރު ހަނގުރާމައިގައި ހެދި ގޮތް ހަދައިލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައިވެ އެވެ.

ޔާސިރު މާލެއަށް ނިސްބަތްވި ނަމަވެސް އޭނާއަކީ ރ. މީދޫ އަށް ނިސްބަތްވާ މީހާކާއި ކައިވެނިކޮށް، މީދޫގައި ދިރިއުޅޭ މީހެކެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީ މެމްބަރުން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައި، މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލައިދިނުމަށް އެދިފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އެވެ. އަދި ހައްޔަރުކޮށް އުނގޫފާރު ކޯޓަށް ގެންދިއުމުންވެސް އެނާއަށް ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.