ކ. ގުރައިދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވީ މެންދުރުފަހު 2:30 ހާއިރު ކުއްޖާގެ މަންމަ އެ ކުއްޖާ ނުފެނިގެން ހޯދަން އުޅެމުން ދަނިކޮށް ފެނުނީ މޫދުގައި އޮއްވާ ކަމަށެވެ.

މަރުވި ކުއްޖާ ދިރިއުޅޭ ގެ ހުންނަނީ އެ ރަށުގެ އުތުރު ފަރާތު މޫދު ކައިރީގަ އެވެ.

"މޫދާ ވަރަށް ކައިރީގައި އެ ކުއްޖާގެ ގެ ހުންނަނީ. އެ ކުއްޖާގެ މަންމަ އޭނާއަށް ކާންދީފައި ތަށި ދޮވެގެން އައިސް ހޯދައި ހޯދައި ނުފެނިގެން ފެނުނީ މޫދުގައި މަރުވެފައި އޮތްވައި،" ޔާމީން ވިދާޅުވި އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އެ ކުއްޖާގެ މަރާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށްއެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.