ކޮޕް ސަމިޓުގެ ހަވާސާގައި މެމްބަރުންނަށް ޚާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުންނަށް ހާއްސަކޮށްގެން ބޭއްވި ދަންފަޅީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވިިރު ހުސް ގޮނޑިތައް ގިނަ ކަމުން އެކަމަށް ސޯޝަލް މީޑިއާގައި ފާޑު ކިޔައިފި އެވެ.

ޔޫޓިއުބުގައި ރައީސް ނަޝީދުގެ ތަގްރީރު އާއްމު ކޮށްފައިވާއިރު އެމަނިކުފާނުގެ ވާހަކަފުޅު އަޑު އައްސަވަން ތިބީ ވަރަށް މަދު މެމްބަރުންނެވެ. އެ ބޮޑު ހޯލުގައި ގިނައިން ހުރީ ހުސް ގޮނޑިތަކެވެ.

މިކަމަށް އެންމެ ބޮޑަށް ފާޑުކީ ކުރީގެ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލު އެވެ.

މަލީހު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގައި ހުސް ގޮނޑިތަކަކާއި މުހާތަބުކުރައްވަން ލިބިވަޑައިގަތީވެސް ގައުމުތަކުގެ ވެރިން ކޮންފަރެންސް ނިންމަވާ ގައުމަށް ވަޑައިގަތް ފަހުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވަނީ

މަލީހު ވަނީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ޒިންމާދާރު ވާގޮތްތޯ ސުވާލު ކުރައްވާފަ އެވެ. ގްލާސްގޯއަށް ވަޑައިގަތީ ރަސްމީ އެޖެންޑާގައި ހިމެނިވަޑައިގެނެއް ނޫން ކަމަށާއި ދަލުބޭރުން ޖެހިވަޑައިގެން ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ކޮޕް ސަމިޓަށް ރާއްޖެއިން ބޮޑު ވަފްދެއް ގޮސްފައިވެ އެވެ. ސަރުކާރުން މިހާބޮޑު ހަރަދެއް ކޮށްގެން މިސަމިޓުގައި ބައިވެރިވުމުން ހާސިލް ކުރެވުނީ ކޮންކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކޮޕް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނު ތަގްރީރުވެސް ކުރެއްވި އެވެ.

ކޮޕް ސަމިޓްގައި ތިން ކަމަަކަށް ރާއްޖެއިން ވަކާލާތު ކޮށްފަައިވެ އެވެ. އެގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު މަދުކޮށް ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ފައިނޭންސް އިތުރުކުރުމާއި އަދި މޫސުމީ ބަދަލުތަކުން ގައުމުތަަކަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުން ހިމެނެ އެވެ.