އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވީ ދަންޖެހިގެންނެއް ނޫން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ ފިލިޕީންސްއަށް ނިސްބަތްވާ އެ ނަރުސް މަރުވެފައި ވަނީ ދަންޖެހިގެން ކަމަކަށް ނުބެލެވޭ ކަމަށާއި، އޭނާ މަރުވެފައިވަނީ ގަސްދުގައި ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވުމަށްފަހު ގެނެސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގޮތުން އޭނާ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ދައްކާފަ އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭކަމަށް ބެލެވެނީ އޭނާގެ ފިރިމީހާއަށެވެ. އަދި އޭނާ މަރުވީ ދަން ޖެހިގެން ކަމަށް ފިރިމީހާ ބުނި ނަމަވެސް އެ ނަރުސްގެ ހަށިގަނޑުން ފެނިފައިވާ ކަންތައްތަކުގެ އިތުރުން، މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ އަމަލުތަކަށް ޝައްކުތަކެއް އުފެދި އެ މީހާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެންނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ނަރުހުގެ ފޯނު ވަނީ ފުލުހުންގެ ތަހުގީގަށް ހިފަހައްޓާފަ އެވެ. އެހެންނަމަވެސް ދިވެހި ނަރުހުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭ ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ގްރޭސްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިމައްސަލައިގެ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.