ލަވައިގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ޖޯޑު؛ ބްލޭކް ޝެލްޓަން އާއި ގުވެން ސްޓެފާނީ އެންގޭޖް ވެއްޖެ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މިހަބަރު ފޭނުންނާ ހިއްސާކުރަމުން ގުވެން ވަނީ އޭނާގެ އެންގޭޖްމަންޓް އަގޮޓި ވެސް ދައްކާލާފަ އެވެ. ބަލާބެލުމަށް މިއަގޮޓީގައި ވަނީ މަދުވެގެން ހަތް ކެރެޓުގެ ވަށް، ޖަވާހިރު ކޮޅެކެވެ.

އެކުގައި އުޅޭތާ ފަސް އަހަރުވެފައިވާ ދެ ތަރިން ބައްދަލުވެފައި ވަނީ ރިއަލިޓީ ޝޯ؛ ދަ ވޮއިސް އިންނެވެ. ދެ ތަރިންނަކީ ވެސް މިޝޯގެ ޖަޖުން އަދި މެންޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަންނާނުންނެވެ.

މީގެ ދެ ދުވަސް ކުރިން މި ދެތަރިން ވަނީ މުޅި ލޮކްޑައުން އެކުގައި ހޭދަކުރީ ގްވެންގެ ތިން ދަރިންނާއެކު ބްލޭކްގެ ގޭގައި، އޮކްލަހޯމާގައި ކަމަށް ބުނެފަ އެވެ. އަދި މިހާރު 13 މިލިއަން ޑޮލަރުގެ ގެއެއް ގަނެގެން ލޮސް އެންޖެލިސް އަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ގުވެން ސްޓެފާނީ މީގެ ކުރިން އެއް ކައިވެނި ކޮށްފައި ވާއިރު، ބުޝް ފްރަންޓްމަން އާ ވެވުނު މިކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ 14 އަހަރުގެ ކިންގްސްޓަން އާއި 12 އަހަރު ޒުމާ އަދި ހަ އަހަރުގެ އެޕޯލޯ އެވެ. 14 އަހަރަށް ފަހު މިކައިވެނި ރޫޅިފައި ވަނީ 2016 ވަނަ އަހަރު އެވެ. ބްލޭކް މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އެއީ 2011-2015 އަށް މިރާންޑާ ލޭމްބާޓް އާއި 2003-2006 އަށް ކޭނެޓް ވިލިއަމްސް އާއި އެވެ.

ދެ ތަރިން ވެސް މިހާރު މަސައްކަތް ކުރަމުންދަނީ ދަ ވޮއިސްގެ 19 ވަނަ ސީޒަންގެ ޕްރޮޑަކްޝަން ގަ އެވެ. އެގޮތުން ކޮވިޑްއާއި ގުޅިގެން ނަގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރޭގައި މިޝޯވެސް ކުރިޔަށް ދާނީ ލައިވް އޯޑިއަންސާ ނުލާކަމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.