މީގެ 25 ވަރަކަށް އަހަރު ކުރިން މިރަށަށް ކޮންމެ އަހަރަކު ގިނަ އަދަދަކަށް ފުޅަނގި އެރިތަން ފެނިފައިވޭ. ނަމަވެސް މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި މިރަށަށް ފުޅަނގި އެރުން ވަނީ ވަރަށް މަދުވެފައި. ފަހަކަށް އައިސް ފުޅަނގި ނާރާ އެތައް އަހަރެއް ދިޔަ. އެކަމަކު މިއަހަރު އަނެއްކާ ވެސް މިވަނީ ފުޅަނގި އަރަން ފަށާފައި.

މީގެ 25 ވަރަކަށް އަހަރު ކުރިން ހުޅަނގު މޫސުން ނިމޭ ދުވަސްވަރާ ދިމާކޮށް ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ފުޅަނގި ހޮވަން މީހުން ގޯންޏާއި ތެލި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅުނު ހަނދާން ހުރެ އެވެ. އޭރު ކޮންމެ އަހަރެއްގެ ހުޅަނގު މޫސުން ނިމޭ ދުވަސްވަރު ފުޅަނގިތައް އަރާތީ އެކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.

އެ ޒަމާނުގައި ދެ މޫސުމުގައި މި ރަށުގެ ދެ ފަރާތަށް ވެސް ފުޅަނގި އާއްމުކޮށް އަރަ އެވެ. ހުޅަނގު ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ހުޅަނގު ފަރާތުން ފުޅަނގި އަރާއިރު، އިރުވައި ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު އިރުމަތީ ފަރާތަށް ފުޅަނގި އަރަން ފަށަ އެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލާ ގުޅިގެން ފުޅަނގި އެރުން މަދުވެ، އެތައް އަހަރެއް ވަންދެން ފުޅަނގިއެއް ފުވައްމުލަކު މީހުންނަށް ނުފެނި ވެސް ހިނގައްޖެ އެވެ.

މި ރަށު މީހުން ކިޔާ "ހުޅަންމަހަ" އެންމެ ގިނައިން އަރަނީ އަބަދުވެސް ހުޅަނގު މޫސުން ނިމޭ ދުވަސްވަރު ކަމަށްވެ އެވެ. މިފަހަރު ވެސް ފުޅަނގި އަރަން ފެށީ ހުޅަނގު މޫސުމް ނިމެން ގާތްވެފައި ވަނިކޮށެވެ. މިދުވަސްވަރު އެންމެ ގިނައިން ފުޅަނގި އަރަނީ ނެރެނގަޑު ފަންނާއި ގެން މިސްކިތް ފަންނާ ދެމެދަށެވެ.

ފުޅަނގި އެރުމުގެ ދުވަސްކޮޅެއް ކުރިން މިރަށުގެ މަތިން ގިނަ އަދަދެއްގެ ހޯރަ އުދުހޭތަން ފެނެ އެވެ. އަދި ފުޅަނގި އަރާކަން އެނގުނީ މީގެ ދެ ދުވަހެއް ކުރިން ކަމަށްވެ އެވެ.

ފުވައްމުލަކު ހުޅަނގު ފަރާތު މަތީގައި ހޯރަތަކެއް އުދުހެނީ. ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަހަރު ފުޅަނގި އަރަން ވަނީ ފަށާފައި. ފޮޓޯ: ޖަމީލް | ހުރިހާ

ފުޅަނގި އަރަން ފެށުމުން މިއަދު މެންދުރު ވެސް ގިނަ އަދަދެއްގެ ބަޔަކު ކުޑަކުދިން ގޮވައިގެން ފުޅަނގި ހިފަން ގޮސް އަތިރި މަތީގައި ތިއްބެވެ. ބައެއް މީހުން ފުޅަނގި ނަގައިގެން ކޮތަޅަށް އަޅައިގެން ގެންގުޅޭ ތަން ފެނިފައިވެ އެވެ.

"މީގެ 25 ހަކަށް އަހަރު ކުރިން މިރަށަށް ފުޅަނގި އެރި މިންވަރާ ކައިރިއަށް ވެސް މިފަހުގެ ތާރީޚެއް ފުޅަނގިއެއް ނާރާ. އެންމެ ފަހުން ވެސް މިރަށަށް ގިނަ އަދަދަކަށް ފުޅަނގި އެރީ މީގެ ހައެއްކަ އަހަރު ކުރިން. އޭގެ ފަހުން ވެސް ކޮންމެ އަހަރަކު މަދުމަދުން އަރާ،" ފުޅަނގި ހިފަން ގޮސްހުރި މިރަށު މީހަކު ބުންޏެވެ.

އޭނާ ބުނީ މިއީ ފުޅަނގި ގިނައިން އަރާނެ މޫސުމަށް ވެދާނެ ކަމަށެވެ.

"އާއްމުކޮށް ފުރަތަމަ ދުވަސްކޮޅުގައި މިހާ ގިނައިން ފުޅަނގި އަރާ ނަމަ ފަހުން ވެސް ހަމަ ފުޅަނގި ގިނަ އަދަދަކަށް އަރާނެ،" އެ މީހާ ބުންޏެވެ.

ފުވައްމުލަކު ހުޅަނގު ފަރާތު ގޮނޑުދޮށުގައި ބަޔަކު ފުޅަނގި ހިފަން ތައްޔާރުވެގެން. ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަހަރު ފުޅަނގި އަރަން ވަނީ ފަށާފައި. ފޮޓޯ: ޖަމީލް | ހުރިހާ

މިރަށަކީ ކުރިން އާއްމުކޮށް ފުޅަނގި މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އޭގެ ސަބަބެއް ކަމަށް މަސްވެރިކަމުގެ ތަޖުރިބާކާރުން ވިދާޅުވަނީ މާކަނޑުގެ މެދުގައި ވަކިން އޮންނަ ރަށަކަށް ވާތީ ކަމަށެވެ.

"ފުޅަނގިއަކީ އާއްމުކޮށް ހުރިހާ ރަށަކަށް އަރާ މަހެއް ނޫން. މަދުމަދުން ރާއްޖޭގެ އެހެން ބައެއް ރަށްތަކަށް ވެސް އަރާފައި އެބަހުރި. އެކަމަކު ފުވައްމުލަކަކީ މާކަނޑުގެ މެދުގައި އޮންނަ ރަށަކަށް ވާތީ އެ ރަށަށް ފުޅަނގި އަރަނީ،" މަސްވެރިކަމުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ފުޅަނގި ގޮނޑުދޮށަށް އަރަނީ ކަންނެލިތައް ކާންވެގެން ފަހައިގަތުމުންނެވެ. ބައެއް ފަހަރު އުދުހިގެން މައްޗަށް އަރަނިކޮށް ހޯރަތައް ކާލަ އެވެ. ގިނަ ފަހަރަށް ގޮނޑުދޮށަށް އަރަނީ ހޯރަތަކަށް އަތު ނުވާން ވެގެންނެވެ. ނަމަވެސް ގޮނޑުދޮށަށް އަރާ ތަނުން މީހުން ތިބެނީ ހިފަން ތައްޔާރަށެވެ. އެހެންވެ ފުޅަނގި އަށް ސަލާމަތްވާނެ ފުރުސަތެއް ނުލިބެ އެވެ.

ފުވައްމުލަކު ހުޅަނގު ފަރާތު ގޮނޑުދޮށުގައި ބަޔަކު ފުޅަނގި ހިފަން ތައްޔާރުވެގެން. ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަހަރު ފުޅަނގި އަރަން ވަނީ ފަށާފައި. ފޮޓޯ: ޖަމީލް | ހުރިހާ

މިދުވަސްވަރު މިރަށުގެ މަތިން އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ކޮންމެ ދުވަހަކު ވެސް ހޯރަތައް ފެނެ އެވެ. މަސްވެރިކަމުގެ ތަޖުރިބާކާރުން ވިދާޅުވަނީ ފުޅަނގި އަރާ ނަމަ ގިނަ އަދަދަކަށް ހޯރަ ރަށުގެ މަތީގައި އުދުހި އުޅޭނެ ކަމަށެވެ. އަދި އެއާ އެކު، ކަންނެލީގެ މަސްވެރިކަމާއި ހަނދީގެ މަސްވެރިކަން ވަރަށް ރަނގަޅުވާނެ ކަމަށް ވެސް މަސްވެރިން ބުނެ އެވެ.

"މިފަހަރު ހީވަނީ އެހެން އަހަރުތަކަށް ވުރެ ގިނައިން ފުޅަނގި އަރާނެހެން. ކަންނެލީގެ މަސްވެރިކަމަށް ނުކުމެ އުޅޭއިރު މިދުވަސްވަރު ފުޅަނގި ވަރަށް ގިނައިން އުޅޭތަން ފެނޭ،" މި ރަށު މަސްވެރިއަކު ބުންޏެވެ.

އޭނާ ބުނީ ކަނޑުމަތިން ފުޅަނގި އައިންތައް އުދުހިފައި އަރާތަން ވަރަށް ގިނައިން ފެންނަ ކަމަށެވެ. އަދި ބައެއް ފަހަރު ދޯނި ތެރެއަށް ވެސް އުދުހިފައި އަންނަ ކަމަށް އެ މަސްވެރިޔާ ބުންޏެވެ.

ފުވައްމުލަކު ބަޔަކު މިއަދު ހިފި ފުޅަނގިތަކެއް ކޮތަޅަކަށް އަޅާފައި. މި ދުވަސްވަރު މިރަށަށް ގިނަ އަދަދަކަށް ފުޅަނގި އަރާ. ފޮޓޯ: ޖަމީލް | ހުރިހާ

ފުޅަނގި އަކީ ތޮޅި ފާޑަށް ހުންނަ، ގާތްގަނޑަކަށް ހަ އިންޗި ދިގު އަނގަށް މަހެކެވެ. ކުރީ ޒަމާނުގައި ފުޅަނގި އަރާ ދުވަސްވަރު ފުޅަނގި ނަގައިގެން ހިއްކައިގެން ގޯނިގޯނީގައި ރައްކާކޮށްގެން ގެންގުޅުނު ކަމަށް ދުވަސްވީ މީހުން ބުނެ އެވެ.

"އާއްމުކޮށް މިރަށު މީހުން ފުޅަނގި ނަގައިގެން ގެނެސް ގަރުދިޔަ ކައްކާނެ. އަދި ބައެއް މީހުން ތެލުލައިގެން ވެސް ކާނެ،" ކުރީ ޒަމާނުގެ ހަނދާންތައް އާކުރަމުން މިރަށުގެ ދުވަސްވީ މީހަކު ބުންޏެވެ.

ދަޑިމަގު އަވަށަށް ފުޅަނގި އަރާ މޫސުމުގައި އާއިލާގެ މީހުންނާއެކު ފުޅަނގި ހޮވަން ދިޔަ ހަނދާން އަދިވެސް ރީތިކޮށް ހުރެ އެވެ. މައިން ބަފައިންނާއެކު ފުޅަނގި ހޮވަން ދިޔައަސް މޫދަށް އެރި ފުޅަނގި ހިފައިދެނީ ބައްޕަމެންނެވެ. ބައެއް ދުވަސް ދުވަހު ހެނދުނުން ފެށިގެން އިރުއޮއްސެންދެން ވެސް އަތިރި މަތީގައި "ފާނތި" ހިފައިގެން އުޅެން ޖެހެ އެވެ. އެއީ ވަރަށް ބޮޑު މަޖަލަކަށްވެ އެވެ.

ފުވައްމުލަކު ހުޅަނގު ފަރާތު ގޮނޑުދޮށުގައި ބަޔަކު ފުޅަނގި ހިފަން ތައްޔާރުވެގެން. ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަހަރު ފުޅަނގި އަރަން ވަނީ ފަށާފައި. ފޮޓޯ: ޖަމީލް | ހުރިހާ

ގިނަ ދުވަސްތަކަކަށް ފަހު، ފުވައްމުލަކަށް މިފަހަރު ފުޅަނގި އަރަން ފެށުމުން މިއަދު ވެސް ގިނަ ބަޔަކު، ކުޑަކުދިން ގޮވައިގެން ރަށުގެ ހުޅަނގު ފަރާތުގައި ތިއްބެވެ. އަދި ކުޑަކުދިން ވެސް ވަރަށް ފޯރީގައި ފުޅަނގި ހިފަން ފަރުމަތީގައި ދުވެ އުޅެނިކޮށް ފެނިފައިވެ އެވެ.

"އަހަރެމެން ކުޑައިރު ވެސް މިރަށު މީހުން ވަރަށް ފޯރިއާއެކު ކުރާ ކަމެއް މިއީ. އެހެންވީމަ އަހަރެމެން ދަރިންނަށް ވެސް މިކަހަލަ ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދޭން ވާނެ. މިއީ އެހާ އާއްމު ކަމެއް ނޫން މިހާރު،" އަތިރިމަތީގައި ހުރި ދަޑިމަގު އަންހެން ކުއްޖަކު ބުންޏެވެ.

ފުޅަނގި ހިފަން ދިއުމަކީ ރާއްޖޭގެ ވަރަށް މަދު ރަށަކުން ނުނީ ނުކުރެވޭނެ ތަޖުރިބާއެކެވެ. ނަމަވެސް އެއީ މިރަށު މީހުންނަށް އާ ކަމެއް ނޫނެވެ. މިރަށު މީހުން އަބަދުވެސް ފުޅަނގި އަރާނެ ދުވަހަކަށް އިންތިޒާރުކުރެ އެވެ. ފުޅަނގި ހިފަން ދިއުމަކީ މިރަށުގެ ގިނަ ބަޔަކަށް ވަރަށް ބޮޑު މަޖަލެކެވެ.