ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ އެ ގައުމުގައި ކުޅުނު "ޕްރައިމް މިނިސްޓަ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފެށި މި މުބާރާތުގައި އެންމެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

ރައީސް ސޯލިހު ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި، ދެގަުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ވާހަކަ ދެއްކެވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފައިވާއިރު، އެދެކަނބަލުންގެ އަރިހުން މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.